ފާދިއްޕޮޅު ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ އަންހެނުންގެ ހާއްސަ އޮޕަރޭޝަން ޑޮކްޓަރެއްގެ އުނދަގޫ އެ ރަށު ރައްޔިތުންނަށް ބޮޑުވެ، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފިއެވެ.
އޭނާއަކީ މިސްރަށް ނިސްބަތްވާ ފިރިހެން ޑޮކްޓަރެކެވެ. އެ ޑޮކްޓަރު ނައިފަރު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި ޑޮކްޓަރު ނައިފަރަށް ގެންދިޔައީ އޭގެ ކުރިން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން ދިއުމުންނެވެ. ކިއުބާއަށް ނިސްބަތްވާ އެ އޮޕަރޭޝަން ޑޮކްޓަރު ފިލީ މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.
ފޭސްބުކްގައި ނައިފަރު ރައްޔިތަކު ހިއްސާ ކޮށްފައިވާ ވީޑިއޯތަކަކުން ފެންނަ ގޮތުގައި އެ ޑޮކްޓަރު ވަނީ އެތައް ފަހަރެއްގެ މަތިން ރަށު ތެރޭގައި މީހުންނާ ޒުވާބުކޮށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.
އެގޮތުން އެ ރަށު ބަޔަކާ އެކު ފުޓުބޯޅަ ކުޅެން ގޮސް ދަނޑުމަތީ އަރައިރުންވާ މަންޒަރާއި، ހުއްދަނެތި ގެއެއްގެ ފެންހޮޅިއެއް ހިފައިގެން ބޭނުންކޮށް، އެ ގޭގެ މީހުންނާ ޒުވާބު ކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
ނައިފަރުން "ސަން" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާގެ ކޮންމެ ވެސް ނަފުސާނީ މައްސަލަތަކެއް ހުންނަ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި، އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެެވެ.
"މަގުމަތީ އެކަނި ހުރެ ވާހަކަ ވެސް ދައްކާ އެބަ. މީހުންނާ ޒުވާބު ކުރަމުން ރަށު ތެރޭ ހިނގާ އެގޮތަށް އެ އުޅެނީ. އޭނާ ދާ ކޮންމެ ތާކު ކޮންމެ ވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ އެބަ. މި ރަށު މީހުން ބޭނުންވަނީ އޭނާ ގެންދަން." އެ ރަށު މީހަކު ބުންޏެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ވެސް އޭނާގެ އަމަލުތައް ހުންނަ ގޮތުން ނަރުހުންނަށާއި އެހެން މުވައްޒަފުންނަށް ދަތިވެފައި އެބަހުއްޓެވެ.
އެގޮތުން، އޮޕަރޭޝަން ތިއޭޓަރުގައި ރުޅިގަދަވެ، ނަރުހުންނާ ބޭއަދަބީ ބަސްބަހުން މުއާމަލާތް ކޮށްފައިވާތީ ބައެއް ފަހަރު އެ ޑޮކްޓަރު ތިއޭޓަރުން ނެރެން ޖެހިފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހަމަނުޖެހުމެއްގެ ތެރޭގައި އޭނާ ވަނީ ފުލުހަކަށް ވެސް ހަމަލާ ދީފައެވެ.
އޭނާ ހުރީ މަގާމުން އެކަހެރި ކޮށްފައި
ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ސަން"އަށް ވިދާޅުވީ އެ ޑޮކްޓަރާ ގުޅޭ ބައެއް ޝަކުވާ ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ ސަމާލު ކަމަށް އެކަން އައުމާ އެކު އޭނާ މަގާމުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ސަމާލު ކަމަށް އެކަން އައުމާ އެކު ހޮސްޕިޓަލްގެ އެންމެހާ މަސައްކަތަކުން އޭނާ އެކަހެރި ކޮށްފަ ވާނީ. މިދިޔަ ހަފުތާއިން ފެށިގެން ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއްގައި އޭނާ ބައިވެރިއެއް ނުކުރަން. އެކަން މިހާރު ވާނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައި. ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ

ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލް ---
ހެލްތު މިނިސްޓްރީން "ސަން"އަށް ބުނީ އެ ޑޮކްޓަރުގެ މައްސަލަ މިނިސްޓްރީން މިހާރު ބަލަމުން ދާ ކަމަށެވެ. ފުލުހަކަށް ހަމަލާދީ، އާންމުންނަށް އޭނާގެ ފަރާތުން ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ.
މިނިސްޓްރީން ބުނީ އޭނާގެ މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، އަންނަ އާދީއްތަ ދުވަހު އެސެސްމަންޓް ރިޕޯޓު މިނިސްޓްރީއަށް ލިބޭނެ ކަމަށެވެ. އަދި، އެއަށް ފަހު އޭނާ އާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ. އޭގެ ކުރިން އޭނާއާ ދޭތެރޭ އެޅޭނެ އިތުރު ފިޔަވަޅެއް ނެތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޅ. އަތޮޅު ހޮސްޕިޓަލަކީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، އެ އަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ.