ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވި ބިދޭސީއަކަށް ފިޔަވަޅު އަޅައިފި

ހަތަރު މީހުންނާއެކު ސައިކަލް ދުއްވަނީ: އެ މީހުން ވަނީ ޖޫރިމަނާ ކޮށްފައި--

ހަތަރު މީހުން އަރުވައިގެން މާލޭ މަޖީދީމަގުގައި ސައިކަލު ދުއްވި ބިދޭސީއަކާމެދު ފުލުހުން މިއަދު ފިޔަވަޅު އަޅައިފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ދެ މީހުނަށްވުރެ ގިނަ މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ފުލުހުން މިއަދު ހުއްޓުވާފައި ވާކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ބިދޭސީ މީހާއާމެދު ޓްރެފިކް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައި ވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ސައިކަލުގައި ދުއްވާފައި ވަނީ ބޮޑު ދެ މީހުނާއި ދެ ކުޑަކުދިން އަރުވައިގެންނެވެ. ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. ބެލެވޭގޮތުގައި މިއީ ބިދޭސީ އާއިލާއެކެވެ.

މިފަދަ މައްސަލައެއް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ވެސް ހަތަރު މީހުން ލައިގެން ސައިކަލު ދުއްވާފައި ވަނީ ބިދޭސީއެކެވެ.

comment ކޮމެންޓް