ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދިއްޖެ ނަމަ، ތަރައްގީ ގެއްލޭނެ: ޗައިނާ ސަފީރު

ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން

ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވްގެ މައިގަނޑު މަގުސަދަކީ ޙަޟާރަތްތަކުގެ ތަފާތުކަމަށް އިހްތިރާމް ކުރުމަށް ވަކާލާތުކުރުމާއި، އިންސާނިއްޔަތު ކަމަށް ވަކާލާތުކުރުން ކަމަށާއި އެކަން ނެތް ނަމަ ތަރައްގީ ގެއްލިދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވްއާ ގުޅިގެން އޭނާ ފޮނުއްވި ޚިތާބެއްގައެވެ.

މި ޚިތާބުގައި ވަނީ، ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް އިން ވަކާލާތުކުރަނީ، ގައުމުތަކުން ހަމަހަމަ ގޮތެއްގައި އެކަކު އަނެކަކު މަޝްވަރާކުރުމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން އުސޫލުތައް ދެމެހެއްޓުމަށް ކަމަށެވެ. އަދި، ސަގާފީ ތަފާތުކުރުންތަކުން ދުރުހެލިވުން ކަމަށެވެ. މިކަމުން ދައްކުވައިދެނީ ކޮންމެ ޤައުމެއްގައި ވެސް އަމިއްލަވަންތަކަމާއި، ހުރިހާ ޤައުމެއްގެ މީހުންގެ އަގުވަޒަންކުރުން ކަމަށް އެ ޚިތާބުގައި ވެއެވެ.

ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް އިން ބުނަނީ ސުލްހައާއި ތަރައްގީއާއި ހަމަހަމަކަމާއި އިންސާފާއި ޑިމޮކްރަސީއާއި މިނިވަންކަމަކީ ހުރިހާ ރައްޔިތުންގެ އާންމު އެދުމެއް ކަމަށެވެ. އެގޮތުން ވޭންގް ލީޝިން ވިދާޅުވީ، ޤައުމުތަކުން ބޭނުންވަނީ އެކި ޙަޟާރަތްތަކުގެ އަގުވަޒަން ކުރުމާއި ފިކުރީ ކުރިމަތިލުންތައް އުފެއްދުމުން ދުރުހެލިވާށެވެ.

މިކަމުން ދައްކުވައިދެނީ އިންސާނުންނަށް ހިއްސާކުރެވޭ މުސްތަގުބަލެއް އޮތް ޖަމާއަތެއް ބިނާކުރުމަށް ޗައިނާގެ ސާފު ތަސައްވުރާއި ވަރުގަދަ އަޒުމްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޚިތާބުގައި ވަނީ، މިއަދުގެ ދުނިޔޭގައި ހުރިހާ ޤައުމުތަކަކީ ވެސް ގާތް ގުޅުމެއް އޮންނަ ޤައުމުތަކެއް ކަމަށެވެ. އަދި، އެއް މުސްތަޤްބަލެއް ހިއްސާކުރާ ޤައުމުތަކެއް ކަމަށެވެ. އެެހެންކަމުން ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދިއްޖެނަމަ މުޖުތަމަޢުގެ ތަރައްޤީއާއި ކާމިޔާބީތައް ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް އިން ގޮވާލަނީ ގައުމުތަކުގެ ތާރީޚާއި ސަގާފަތްތަކުގެ ގުޅުން މިހާރުގެ ޒަމާނާ އެއް ގޮތަށް ބޭނުންކޮށް، އެ މީހުންގެ ރީތި ސަގާފަތާއި އުފެއްދުންތެރިކަމުން އާ ތަރައްގީއަށް ބާރުއެޅުމަށް ކަމަށް އެ ޚިތާބުގައި ވެއެވެ.

ވޭންގް ލީޝިން ފާހަގަކޮށްފައިވާ ގޮތުގައި، ތަހުޒީބުގެ ކުލަގަދަވަނީ މުވާސަލާތީ ގޮތުން ގައުމުތައް ގުޅުމުންނެވެ. އެހެންކަމުން ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއޭޓިވް ޕްރޮމޯޓް ކުރުމުގެ ފުރުސަތުގެ ބޭނުންހިފާ، ދެ ގައުމު ގުޅިގެން އަމާން މުސްތަގްބަލެއް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް