އެމެރިކާގެ ކޮންމެ ކުއްޖަކަށް ސްޕޭސްއެކްސްގެ ހިއްސާއެއް ދޭނެ ކަމަށް އީލޮން މަސްކް ބުނެފި

މަސްކް: އެމެރިކާގެ ކޮންމެ ކުއްޖަކަށް ސްޕޭސްއެކްސްގެ ހިއްސާއެއް ދޭނެ ކަމަށް އީލޮން މަސްކް ބުނި --

އަންނަ އަހަރު އެމެރިކާގެ ކޮންމެ ކުއްޖަކަށް އޭނާގެ ކުންފުނި، ސްޕޭސްއެކްސްގެ ހިއްސާއެއް ދޭނެ ކަމަށް އީލޮން މަސްކް ބުނެފިއެވެ.

އެމެރިކާގައި 18 އަހަރުން ދަށުގެ ގާތްގަނޑަކަށް 73 މިލިއަން ކުދިން ތިބިއިރު، މަސްކްގެ މި ވައުދުގެ ޖުމްލަ އަގު 10.66 ބިލިއަން ޑޮލަރަށް އަރާނެއެވެ. ހުކުރު ދުވަހު ބާޒާރު ބަންދުވިއިރު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ހުރީ 146.03 ޑޮލަރުގައެވެ. ސްޕޭސްއެކްސްގެ މި ކުއާޓަރުގެ މާލީ ހިސާބުތައް އަންގާރަ ދުވަހު އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްކް މިކަން ހާމަކޮށްފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކްގެ ފަސް ޕަސެންޓް ހިއްސާ އާންމު މަންފާއަށް މަސައްކަތްކުރާ އާ ފަންޑަކަށް ހަދިޔާކުރާނެ ކަމަށް އެ ކުންފުނިން އިއުލާންކުރުމާ ގުޅިގެންނެވެ. އެންތްރޮޕިކްގެ އެ ނިންމުމަށް ރައްދުދީ ސޯޝަލް މީޑިއާގައި މަސްކް ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ، ހިއްސާ ސީދާ އާންމުންނަށް ދިނުމަށް އޭނާ ލަފާދޭ ކަމަށެވެ.

ކުދިންނަށް ހިއްސާ ބަހާނެ ވަކި ގޮތެއް މަސްކް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ މިފަދަ ގިނަ ކަންތައްތަކެއްގެ ފެށުން ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މަސްކް އަދި އެންތްރޮޕިކްގެ މި ނިންމުންތައް އައިސްފައިވަނީ އޭއައި ޓެކްނޮލޮޖީއާ މެދު އެމެރިކާގެ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދި އެސޯސިއޭޓެޑް ޕްރެސްއާއި ނޯކް ސެންޓަރ ފޯ ޕަބްލިކް އެފެއާޒް ރިސާޗުން ހެދި އާ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ 64 ޕަސެންޓް މީހުން ދެކޭ ގޮތުގައި އޭއައި ތަރައްގީވަމުން ދަނީ މާ ހަލުވިކޮށެވެ. އޭގެ ދުވެލި ރަނގަޅު ކަމަށް 27 ޕަސެންޓް މީހުން ބުނިއިރު، މާ ލަސް ކަމަށް ބުނެފައިވަނީ އެންމެ އަށް ޕަސެންޓް މީހުންނެވެ.

އޭއައި ޓެކްނޮލޮޖީން އިންސާނިއްޔަތަށް އޮތް ނުރައްކާތަކާ ގުޅޭ ގޮތުން އިންޒާރުދިނުމަށް ފަހު އެންތްރޮޕިކްގެ ރިސާޗަރަކު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން، އޭއައި ތަރައްގީކުރުން މަޑުޖައްސާލަން ޖެހޭ ކަމަށް އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑެއި އާއި އޯޕަންއޭއައިގެ ސޭމް އޯލްޓްމަން އަދި މަސްކް ހިމެނޭ ގޮތަށް ސިނާއަތުގެ އިސްވެރިން ވަނީ މިދިޔަ މަހު ބުނެފައެވެ. ނަމަވެސް އެމެރިކާގެ އެތެރޭގެ އަދި ބައިނަލްއަގުވާމީ ވާދަވެރިކަމާއި، ފައިދާ ހޯދުމުގެ ބޭނުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން އެކަމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ.

މާލީ ފައިދާއާއި އިޖުތިމާއީ މަންފާ ހަމަހަމަކުރުމުގެ މަގުސަދުގައި އެންތްރޮޕިކް އުފައްދާފައިވަނީ އާންމު މަންފާއަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައެވެ. އެ ކުންފުނިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހިއްސާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުން އަންނައިރު، މިދިޔަ ޖޫން މަހު ވަނީ އެކަމާ ގުޅޭ ލިޔެކިޔުންތައް ސިއްރުކޮށްފައި އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހަޅާފައެވެ.

ހަމަ އެ މަހު ސްޕޭސްއެކްސް ވެސް ވަނީ އާންމު ކުންފުންޏެއްގެ ގޮތުގައި ހިއްސާގެ ބާޒާރަށް ނުކުމެފައެވެ. އެއާއެކު މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވި ނަމަވެސް، އޭގެ ފަހުން ސްޕޭސްއެކްސްގެ ހިއްސާގެ އަގު 35.3 ޕަސެންޓް ދަށަށް ގޮސްފައިވާތީ އޭނާ މިހާރު ހިމެނެނީ ބިލިއަނަރުންގެ ލިސްޓުގައެވެ.

comment ކޮމެންޓް