ޑަބްލިއުއެޗްއޯގެ ވެރިޔާގެ ޝުކުރު ރާއްޖޭގެ ރިޝްމީއަށް

ރިޝްމީ ޑަބްލިއުއެޗްއޯގެ 38ވަނަ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ރިޔާސަތުގައި

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް، ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޕޮލިސީ އިމްޕްލެމެންޓޭޝަން އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑިވިޝަންގެ ޑިރެކްޓަރު އައިޝަތު ރިޝްމީއަށް ޝުކުރުއަދާ ކުރައްވައިފިއެވެ.

ރިޝްމީއަށް ޝުކުރު އަދާކޮށްފައި ވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން 1.9 މިލިއަން ފޮލޯވަރުންތިބޭ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ޓެޑްރޯސް ވިދާޅުވެފައި ވަނީ، ޑަބްލިއުއެޗްއޯގެ 38ވަނަ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ރިޔާސަތުގައި ރިޝްމީ ކުރައްވަނީ ފުރިހަމަ މަސައްކަތެއް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ 38ވަނަ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ތެރެއިން

ޑަބްލިއުއެޗްއޯގެ ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު ވެސް ބަލަހައްޓާފައި ވަނީ ރިޝްމީއެވެ. އަދި އެއީ އެ ކޮމިޓީގެ ރިޔާސަތާ ދިވެހި އަންހެނަކު ހަވާލުވި ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވާ ގުޅިގެން ހެލްތު މިނިިސްޓްރީން ބުނީ، ސިއްހީ ދާއިރާގެ އެފަދަ މުހިންމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދިޔުމަކީ، ސިއްހީ ދާއިރާގައި ދިވެހިރާއްޖޭގެ ހައިސިއްޔަތާމެދު އިތުބާރުލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާ އެހެނިހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ، އެއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް މިިނިސްްޓްރީން ބުނެއެވެ.

ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ.

ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގައި 12 ގައުމަކުން ބައިވެރިވިއެވެ. އެހެންކަމުން މި ބައްދަލުވުމުގައި ވެސް ގިނަ ގައުމުތަކަކުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް