ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔަވަން ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި

ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔަވަން ސްކޮލާޝިޕް ފުރުސަތު ހުޅުވާލުން -- ފޮޓޯ/ ރައީސް އޮފީސް

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ދަރިވަރުންނަށް އެ ގައުމުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ސްކޮލާޝިޕް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޖަޕާނުގެ ސަރުކާރުގެ ފަރާތުން "ޖަޕަނީޒް ގަވާންމެންޓް ސްކޮލާޝިޕް ފޯ 2024" ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ސްކޮލާޝިޕް ފުރުސަތު ލިބިފައިވާ ކަމަށް ޖަޕާން އެމްބަސީން ވަނީ އެ މިނިސްޓްރީއަށް އަންގާފައެވެ.

މި ސްކޮލާޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލާޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.

މި ސްކޮލާޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ޖަޕާން އެމްބަސީގެ ފަރާތުންނެވެ.

މި ޓެސްޓް އަދި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ޖަޕާން އެމްބަސީގައެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވަނީ މިނިސްޓްރީން އެދިފައެވެ.

މީގެ އިތުރުން، ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް އެދިފައިވެއެވެ.

މި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މޭ މަހުގެ 28ވަނަ ދުވަހެވެ.

ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް