ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާ މުޚާތަބު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން މިއަދު ބުނެފިއެވެ.

އެ އިއްތިހާދުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ އާއި މޮރީޝަސް އާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަަހައްދުގެ މައްސަަލައިގައި ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، އިޓްލޮސްގައި އެދުނު ގޮތަށް މައްސަލަ ނިމިގެން ދިޔުމަކީ ރައީސް ދިވެހި ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ހެއްކެއް ކަމަށެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އާއި، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަދި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެ މަސައްކަތް ކުރައްވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

"މި މައްސަލައިގައި ފޮރިން މިނިސްޓަރާއި ބަންޑާރަ ނައިބު އަދި ރައީސުލްޖުމްހޫރިއްޔާ އިހުމާލުވެ، ޚިޔާނާތްތެރިވި މައްސަލަ ވަރަށް ރަނގަޅަށް ގާނޫނީ ގޮތުން މަޖިލިސްގެ ތަޅުމުގައި ވަޑައިގަންނަވާ ބޭފުޅުންނާ ކުރާނެ ސުވާލާ ރައްޔިތުންގެ ކުރިމަތީގައި މި ބޭފުޅުން ޖަވާބު ދާރީ ކުރުވުމަށް މަސައްކަތް ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް," އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އެ ބޭފުޅުންގެ އިތުބާރު ނެތްކަން ސާބިތު ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި، މަޖިލީހުގައި ވޯޓުން ތަފާތު ނަތީޖާއެއް ނުކުތުމަކީ މިވަގުތު އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ. އެ ބޭފުޅުންގެ މަގްސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވައި ރާއްޖެއަށް "ގެއްލިގެން ދިޔަ" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހަފުތާގައި މަޖިލީހަށް ހުށަހަޅާފައިވާއިރު، ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތިގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކު މަގާމުން ދުރު ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެ ތިން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރީ ދިވެހީންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެއެވެ. އެގޮތުން ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން ގޮތް ކަނޑައަޅާފައި ވަނިކޮށް ސަރުކާރުން އަމަލުކޮށްފައިވަނީ އެހެން ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށް އެފަރާތުން ބުނެއެވެ.

ފިކުރެއްގެ ދިރުމުގައި ތިއްބަވާ މަޖިލިސް މެންބަރުންގެ އަދަދު 12އަށް އަރާއިރު ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ތިއްބަވައެވެ. އަދި ޖޭޕީގެ ތިން މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ވެސް ތިން މެންބަރުން ތިއްބަވައެވެ.

ސަރުކާރަށް ތާއީދު ކުރާ 56 މެމްބަރުން އަދިވެސް މަޖިލީހުގައި އެބަތިއްބެވެ. އެހެންކަމުން މި މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް ރައީސްގެ އިތުބާރު ނެތް ކަމަށް ނިމުމަކީ ނާދިރު ކަމެކެވެ.

comment ކޮމެންޓް