އިސްކަންދަރު ސްކޫލާއި ފުލުހުން ގުޅިގެން އަހަރީ ދުވަހާއި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

އިސްކަންދަރު ސްކޫލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްކަންދަރު ސްކޫލުގެ 62 ވަނަ އަހަރީ ދުވަހާއި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުންގެ ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒާ ގުޅިގެން ތަފާތު ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހެންވޭރު ދަނޑުގައެވެ. އެގޮތުން އިސްކަންދަރު ސްކޫލުގެ ގްރޭޑު އެކަކުން ފެށިގެން ނުވައެއްގެ ގާތްގަނޑަކަށް 2000އެއްހާ ދަރިވަރުން ހިމެނޭހެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ހެނދުނު 7:00 އިން ހަވީރު 6:00 އާ ހަމައަށެވެ.

މި ހަރަކާތާ ގުޅިގެން "ސަން" ވާހަކަދައްކަވަމުން އިސްކަންދަރު ސްކޫލު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އައިމިނަތު ރަޝީދާ ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނާއި ބެލެނިވެރިން ސްކޫލުން ބޭރުގައި ހަރަކާތްތެރި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމާއި ދަރިވަރުންގެ މެދުގައި ގުޅުންތައް ގާއިމްކުރުން ކަމަށެވެ.

"މީ އަޅުގަނޑުމެން ވަނަ ހޮވާ ގޮތަށް ބާއްވާ ހަރަކާތެއް ނޫން. މީ ކުދިން ހަމަ ފިޒިކަލީ ބައިވެރިވެލާ ކުދިން އެންޖޯއި ކޮށްލަން ބާއްވާ ހަރަކާތްތަކެއް. މޯލްޑިވްސް ޕޮލިސް ސާވިސްގެ މިކަމާ ބެހޭ ޔުނިޓްގެ ފަރާތުން އިންތިޒާމްކޮށްގެން މި ބާއްވަނީ އެ ބޭފުޅުންގެ އެހީތެރިކަމާއެކު. އެހެންވީމަ ވަރަށް ބޮޑަށް ކުދިން ފިޒިކަލީ ބައިވެރިވެލާ، ދުވެލާ، ކުޅެލާ މަޖާކޮށްލަން ހުރި ހަރަކާތްތަކެއް މީގަ މި އެކުލެވެނީ،" އޭނާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކަކީ ކުދިން ވަރަށް ބައިވެރިވާ ހިތްވާ ހަރަކަތްތަކެކެވެ. ނަމަވެސް ސްކޫލުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް މިފަދަ ހަރަކާތްތައް ކުރިއަށް ނުގެންދެވޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މިކަހަލަ ބޮޑު ތަނެއްގަ މިކަހަލަ އިވެންޓެއް ބާއްވަން ފުރުސަތު ދިނުމަކީ އެކުދިން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަދި ކުދިން ވަރަށް ބޮޑަށް އެންޖޯއީ ކުރާކަން ފާހަގަކުރެވޭ" އޭނާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ މިފަދަ ބޮޑު ހަރަކާތަކާ އަޅާ ބަލާއިރު މިއީ ވަރަށް ފުރިހަމަ ހަރަކާތެއްކަމަށެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު އަކްރަމް އަބްދުލްވައްހާބް ވިދާޅުވީ، މި ހަރަކާތުން ހާސިލްވާނެ އެންމެ ބޮޑު އެއްޗަކީ ގުޅުންތައް ބަދަހިވުންކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ، ފުލުހުންނަށް މިފަދަ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އަބަދުވެސް ލިބޭ ކަމަށާއި ފުލުހުންގެ ގާބިލް މިންވަރަކުން އެ ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަށް ރިކުއެސްޓް އާދޭ އަބަދު ވެސް ސްކޫލުތަކުންނާ ކޮމިއުނިޓީތަކުން. މީގަ ކުދިންގެ ލީޑާޝިޕާ ކުދިންގެ މޯޓިވޭޝަން ރަނގަޅުކުރުމަށް ކުދިންގެ ހެލްތް އެންޑް ވެލްބީން އެކި ކަހަލަ ޕްރޮގްރާމްތައް އެބަ ހިންގަން. އިވެންޓަކަށް ފަހު އިވެންޓެއް އަޅުގަނޑުމެނަށް ލިބިފަ މި އޮންނަނީ،" އަކްރަމް ވިދާޅުވިއެވެ.

މިފަދަ ހަރަކާތަކުން ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ގުޅުން އިތުރަށް ހަރުދަނާވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުމަކީ އުފާކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ އަހަރީ ދުވަހަކީ ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ވެސް ފާހަގަކުރާ މެއި 10 އެކެވެ.

comment ކޮމެންޓް