ސާޖަރީއަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ މައްސަލަ ހައްލު ކުރެވިއްޖެ: ނަސީމް

ސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް އިންސްޓްރުމެންޓްސް ހަވާލުކޮށްދިނުމަށް މިއަދު ހެލްތް މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ރަށްތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ސާޖަރީއަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ މައްސަލަ ހައްލުކޮށްދެވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް އެހެން ވިދާޅުވެފައިވަނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ސާޖަރީއަށް ބޭނުންވާ ވަސީލަތްތައް ހަވާލުކޮށްދިނުމަށް މިއަދު ހެލްތު މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަދި ޔަގީން ކުރަނީ މިތަކެތި ހެލްތު ފެސިލިޓީތަކަށް ލިބުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަސައްކަތްތައް އަވަސްވެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަދި މިހާރު ހެލްތު ފެސިލިޓީތަކަށް ދިމާވެފައިވާ މެޑިކަލް އިންސްޓްރަމަންޓްސްގެ މައްސަލަ ނިމުމަކަށް މިއަދު އަންނާނެ ކަމަށް," މިނިސްޓަރު ވިދާޅުވިއެވެ.

"ބަލާލާފައި ވަރަށް ކުދިކުދި އެއްޗެހިތަކަކަށް ވެދާނެ މި އެއްޗިހި. އެކަމު މިއީ ވަރަށް މުހިންމު އެއްޗެއް. ވަރަށް ބޮޑަށް ބަލަހައްޓައިގެން ގެންގުޅެން ޖެހޭނެ އެއްޗެއް. ވަރަށް އަވަހަށް ހަލާކުވެސް ވާ އެއްޗެއް."

ސާޖަރީއަށް ބޭނުންވާ އާދައިގެ ވަސީލަތްތައް ފަސޭހައިން ލިބުނު ނަމަވެސް ރަނގަޅު ފެންވަރުގެ ވަސީލަތްތަކަކީ ވަރަށް އުނދަގުލުން މަސައްކަތުން ހޯދާ އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ހެލްތު ފެސިލިޓީތަކުގައި ހުރި މިފަދަ ތަކެއްޗަކީ 15 ނޫނީ 13 އަހަރު ކުރިން ފޮނުވާފައި ހުރި ތަކެތި ކަމަށް އަޅުގަނޑު ފާހަގަކޮށްލަން," ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން ގިނަ ސާމާނު ވަރަށް ބޮޑަށް ބައުވެ، ހަލާކުވެ، އާކުރަން ޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, އެފަދަ ހުރިހާ މަރުކަޒުތަކަކަށް މިއަދު އައު ސާމާނު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަކިވަކިން ރަށް ރަށާ ހަވާލުނުކޮށް ހުރިހާ ތަނަކަށް އެއްފަހަރާ ދީ މި ނިންމާލަނީ," ނަސީމް ވިދާޅުވިއެވެ.

މީގެ ކުރިން އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުން ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ވަސީލަތްތައް ބައުވެ އާކުރަން ޖެހިފައިވާކަމުގެ އިތުރުން ބޭނުންވާ ވަރަށް ސާމާނު ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ވަރަށް އެއްޗެހި ހަމައަށް ނުހުންނަ ނަމަ އެ ބޭފުޅުން ދޭން ޖެހޭ ފަރުވާ އެކަށީގެންވާ ގޮތަކަށް ފުރިހަމައަށް ރަނގަޅަކަށް ނުވެސް ދެވޭނެ," ނަސީމް ވިދާޅުވިއެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ކަމަކީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ އިސްނެންގެވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

"ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު އަރުވަން," މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް