ދޮށިއަޅަން ހުއްޓާ މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

މިޔަރުގެ ހަމަލާއިން ބަންގްލަދޭޝް މީހާގެ ފަޔާއި އަތް ޒަހަމްވެފައި --

މަސް ދޯންޏެއްގައި ދޮށި އަޅަން ހުއްޓާ މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށް ދިޔަ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ މީހުން މަސް ބާނަން ދޮށި އަޅައިގެން ތިބި އައިނުގައި މިޔަރެއް އޮތެވެ.

"ހަތްފޫޓުގެ ކަޅު މިޔަރެއް އެއީ،" އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މިޔަރު ހަމަލާ ދިނީ ބަންގްލަދޭޝް މީހަކަށެވެ. އެ މީހާ ދޮށި އަޅަން ހުއްޓާ ދޮށީގެ ބުޅީގައި މިޔަރު ދަތް އެޅީއެވެ.

"ދެން އޭނަ އޮފް ބެލެންސް ވެގެން ވެއްޓުނީ. ކެޔޮޅަކަށް ވެސް ނުފެންނާނެ އޭނާ ވެއްޓުނު ތަނެއް،" އޭނާ ކިޔައިިދިނެވެ.

"ވެއްޓުނީމަ އޭނާ ފަތައިގަތީ ދޯންޏާ ދިމާލަށް. ފަތައިގަތީމަ މިޔަރު ގޮސް އޭނާ ބަނޑުދަށަށް ވަދެ އޭނާ އޮޅާލާފައި ޖެހި އިރު މިޔަރު ނިގޫ ހުރީ މޫދުން މައްޗަށް،"

އެ ވަގުތު އެ މީހާއަށް ތެޅިގަނެވުމުން އޭނާގެ ގައިގައި ދަތް އެޅީ ކަމަށް އެ ދޯނިން މަހަށް ދިޔަ މީހާ ކިޔައިދިނެވެ. އޭނާގެ އަތާއި ފައި ވެސް ވަރަށް ބޮޑަށް ޒަަހަމްވެފައި އޮތް ކަމަށް ކިޔައިދިނެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ފައިން ވެސް ވަރަށް ގިނައިން ލޭ އައެވެ. އަދި އޭނާގެ އަތުން ވެސް ވަރަށް ގިނައިން ލޭ އަންނާތީ ލޭ މަނާކުރަން އޮތީ ފޮތިގަނޑެއް އަޅައިފައެވެ.

އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

comment ކޮމެންޓް