އަންނަ މަހު އައްޑޫގެ ބިން ހިއްކަން ފަށަނީ

އައްޑޫ ބިންހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ --

އަންނަ ޖޫން މަހު އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސްރިފް މިއަދު "ސަން"އަށް ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ފަޅުތެރެއިން ފަސް ރަށް ހިއްކާލެވޭ ކަމަށެވެ.

އެ ފަސް ރަށުގެ ތެރެއިން ދެ ރަށުގެ ބަންޑު ވޯލް ޖަހާ ގާތްގަނޑަކަށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ ބަންޑުވޯލް ޖަހާ އެއްކޮށް ނިމިފައި އޮތީ ހިތަދޫގައި ހިއްކާ ސަރަހައްދުގެ ބަންޑުވޯލް ޖެހުމުގެ މަސައްކަތް ރެޔާ ދުވާލު އެބަކުރޭ،" ޔަސްރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޫންމަހުގެ ކުރީކޮޅު ބިން ހިއްކަން ފެށި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިމޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

"ބަންޑުވޯލް ޖަހާ ނިމިފައި އޮންނަތަނަށް ބޯޓުން އައިސް ވެލި އަޅައިލާނީ،" ޔަސްރިފް ވިދާޅުވިއެވެ.

ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްގެ ކުރެހުމެއް -- ފޮޓޯ: މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާއެވެ. އެ ކުންފުނިން ވަނީ މި މަޝްރޫއުގެ މަސައްކަތަށް މެޝިނަރީ އާއި އެހެނިހެން ސާމާނު، މިދިޔަ އަހަރު ޑިސެމްބަރުގައި އައްޑުއަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ

  • ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ

  • ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ

  • މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ މި މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް