އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާއިން ކުދި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ހަބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން އެސްޓީއޯ އެލައިޑް ބިލްޑިންގައި ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީސީސީ ވަނީ މި ފަހަރު އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ޖުމްލަ 10 ކިއޮސްކެއް ހުޅުވާލައިފައެވެ. މީގެ ތެރެއިން ތިން ކިއޮސްކް ޚާއްސަކޮށްފައިވަނީ، އަންނައުނު ވިއްކާ ވިޔަފާރިތަކަށެވެ. އަދި، ބާކީހުރި ހަތް ކިއޮސްކް ޚާއްސަކޮށްފައިވަނީ އާޓް އެންޑް ކްރާފްޓް އަދި އެސެސަރީޒްގެ ގޮތުގައި ގިންތިކުރެވޭ މުދާ ވިއްކުމަށެވެ.

މިކަމާއި ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން ބީސީސީގެ ހެޑް އޮފް އައުޓް ރީޗް އިބްރާހިމް ޒިއާއު މުހައްމަދު ވިދާޅުވީ، މި ކިއޮސްކްތަކުގައި ވިއްކޭނީ ދިވެހި އަމިއްލަ އުފެއްދުންތައް ކަމަށެވެ. އެގޮތުން ދިވެހި އުފެއްދުމެއްގެ ގޮތުގައި ބަލައިގަނެވޭނީ އެ މުއްދަލެއް އުފެއްދުމަށް ކުރާ ޚަރަދުގެ 30 އިންސައްތައަކީ ސީދާ ރާއްޖޭގައި ކުރެވިފައިވާ ޚަރަދެއްކަމުގައި ވާނަމަ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ކިއޮސްކުތައް ހުންނާނޭ ގޮތުގެ ނަމޫނާއެއް..

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ނިމިގެންދާއިރު މިނީ ސިނަމާއަކާއި، ސެލޫނާއި، ކުރެހުންތެރިންނަށް ޚާއްޞަ އާޓް ގެލަރީއެއްގެ އިތުރުން ގޭމިން އޭރިއާއަކާއި އަދި ސްޓެމް އެޑިއުކޭޝަނަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ. މި ފަހަރު ދޫކުރާ ކިއޮސްކްތައް ވެސް ހާއްސަކޮށްފައިވަނީ ކުދި ވިޔަފާރިތަކަށެވެ.

ކިއޮސްކް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތައް :

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވުން
  • ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ނުވަތަ ކުދި ގިންތީގެ ވިޔަފާރިއަކަށްވުން
  • އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކިއޮސްކެއް ހިންގަމުންދާ ފަރާތެއްކަމުގައި ނުވުން

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ހުންނަ ކިއޮސްކެއްގެ ނަމޫނާއެއް---

ބީސީސީން ބުނީ، ކިއޮސްތަކަށް އެދި އެއް ފަރާތައްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ކިއޮސްކް ދޫކުރާނީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ނެގޭ ގުރަކުންނެވެ. ކިއޮސްކަށް އެދި ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 22 މެއި 2023 ވާ ހޯމަ ދުވަހެވެ.

ކިއޮސްކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީހަބުގެ ދެވަނަ ފަންގިފިލާ ބަލައިލުމުގެ ފުރުސަތު މި މަހުގެ 16، 17، އަދި 18ވަނަ ދުވަހު މެންދުރު 1 ކުން ފެށިގެން 5 ޖަހަންދެން ވަނީ އާއްމުކޮށް ހުޅުވާލައިފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާ އެކު ބީސީސީއިން "އެސްއެމްއީ ހަބް"ގެ ނަމުގައި ޗާންދަނީ މަގު އެލައިޑް ބިލްޑިންގައި ކޮމަރޝަލް ހަބެއް ތަރައްޤީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުއެވެ.

އެސްއެމްއީ ހަބް ޤާއިމުކޮށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިކޮށްދިނުންކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ބުނެއެވެ.

comment ކޮމެންޓް