އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އިން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް އީގަލްސް އިން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. އީގަލްސް އިން ވަނީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކްލަބު އަތުން މޮޅުވެފައެވެ. އަދި ދެވަނަ ބައްޔާ ކުރިމަތިލާން ޖެހުނު ވެލެންސިއާ އިން ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަލިވީ ޓީސީ ސްޕޯޓްސް ކްލަބު އަތުންނެވެ.
ވަރުގަދަ ކުޅުމަކާއެކު ފެށި އީގަލްސް އިން ވަނީ ފުރަތަމަ ހާފުގައި ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅުގައި އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުތަކެއް ފާހަގަކޮށްލެވުނެވެ.
އީގަލްސް އިން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ފްރެންކޯ ކޮއެލްހޯ އިވާން ކާލޯސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން ހަސަން ސުފިޔާން އަތުގައި ބޯޅަ ޖެހުމުން އީގަލްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީން އީގަލްސްއަށް ލީޑު ފުޅާކޮށްދިނީ ރިޒޭއެވެ.
މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، އީގަލްސް އިން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ރިޒޭ ދިން ބޯޅައަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ބުރު ސްޕޯޓްސް އިން ވަނީ 1-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށްފައެވެ. މީގެ ކުރިން ވެސް މި ސީޒަނުގައި ދެ ޓީމު ވަނީ ވާދަކޮށްފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕު ސްޓޭޖުގައި ކުޅުނު އެ މެޗުން މޮޅުވީ ޓީސީއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެ މެޗު ނިމެނިކޮށް ބުރުގެ އަލީ އަމްދާން (އެންޑީ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކި އިރު، ބުރުން ގޯލު ޖެހީ ވެސް ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ބުރަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ.
ލީގުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުއެވެ. އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި ކުޅޭ މެޗުގައި އީގަލްސް އާއި ޓީސީ ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ބުރު ސްޕޯޓްސްއެވެ. އަދި އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.