ޕާޓީއާ ދެކޮޅުވުން ބަލައިނުގަނެވޭ، ހަމަހަމަކަމާއެކު ފިޔަވަޅު ނާޅަންޏާ ވެރިންނާ ދެކޮޅަށް ވެސް ނިކުންނާނަން: ރީކޯ

އެމްޑީޕީ އޮފީސް ކުރިމަތީ ރީކޯ މޫސަ އިހުތިޖާޖުކުރައްވަނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ތިބިގެން އެ ޕާޓީއާ ސީދާ ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުންނާ ދެކޮޅަށް ހަމަހަމަ ކަމާއެކު ފިޔަވަޅު އެޅުމަށް އެ ޕާޓީއާ ދުރުގައި ހުންނެވުމަށްފަހު އަލުން ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ގޮވައިލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވައިލެއްވީ އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައި އެމްޑީޕީ އޮފީސް ކުރިމަތީ އިހުތިޖާޖުކުރައްވަމުންނެވެ.

އިހުތިޖާޖުގައި ހުންނަވައި "ސަން"އާ ވާހަަކަދައްކަވަމުން މޫސަ ވިދާޅުވީ މި އިހުތިޖާޖަށް ނިކުންނަން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީން ކަނޑައަަޅައިފައިވާ ތްރީ ލައިން ވިޕަކާ ޚިލާފަށް އަމަލުކުރުމަށް އެ ޕާޓީގެ މެމްބަރުންތަކެއް މަސައްކަތް ކުރުން ކަމަށެވެ. އަދި އެހެން ކަން ހިނގާއިރު އެ ކަމާ ދެކޮޅަށް އަދިވެސް ފިޔަވަޅު އަޅައިފައި ނުވާ ކަމަށް މޫސާ ވިދާޅުވިއެވެ.

އެ ތްރީލައިން ވިޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރާ ދެކޮޅު އިއްތިހާދުން މަޖިލީހަށް ހުށަހަޅައިފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ދެކޮޅަށް ވޯޓުލުމަށް ނެރުނު ވިޕެކެވެ.

މި ކަމުގައި އެމްޑީޕީގައި ތިބެގެން ދެކޮޅަށް މަސައްކަތްކުރައްވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

މި ކަމުގައި ނުރުހުން ފާޅުކުރައްވަމުން މޫސަ ވިދާޅުވީ އޭނާ އެމްޑީޕީން މީގެ ކުރިން ވަކި ކުރީ ވެސް ތްރީ ލައިން ވިޕަކާ ޚިލާފުވެގެން ކަމަށެވެ.

އެމްޑީޕީ އޮފީސް ކުރިމަތީ ރީކޯ މޫސައާއި ބައެއް މެމްބަރުުން އިހުތިޖާޖުކުރައްވަނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް

އެހެންވީމާ މިހާރު ވެސް އެފަދަ ފިޔަވަޅުތައް ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި އަޅަންވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މި ޕާޓީގެ ޗެއާޕާސަންކަން ކުރި މީހެއް. ރައްޔިތުންގެ މަޖިލީހުގައި ހަމަ ދެވުނު ވޯޓެއް. ވިޕްލައިނަކާ ޚިލާފުވެގެން އަޅުގަނޑު މި ޕާޓީން ވަކިކުރީ. އެކަމު މިހާރު ތަފާތުކޮށް މި ޕާޓީގެ މީހުން ރައްޔިތުންގެ މަޖިލީހުގައި ތިބެ ޕާޓީއާ ދިމާއަށް އެއްޗެހި ގޮވައި އިދިކޮޅު ޕާޓީތަކާ ގުޅިގެން މި ޕާޓީ ހަލާކުކޮށް ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް އެއްޗެހި ގޮވައި ހަދަނީ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކާ މެދު ހިތްހަމަ ނުޖެހޭނަމަ އެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނީ އެހެން ޕާޓީއަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ގޮވައިލަނީ މި ޕާޓީއަށް ޣައްދާރުވީ މީހުން ވަކިކުރަން،،" މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ވަކި ގޮތެއް ނިމެންދެން އަޑު އުފުލާނެކަމަށެވެ. އަދި ވަކި ގޮތެއް ނުނިންމައިފިނަމަ ޕާޓީގެ އިސްވެރިންނާ ދެކޮޅަށް ވެސް އަޑު އުފުއްލަވާނެ ކަމަށް ވިދާޅުވިއެވެ.

"މިއަށް ޕާޓީން ފިޔަވަޅު ނާޅައިފިއްޔާ، ޕާޓީގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ދެކޮޅަށް ވެސް އަޅުގަނޑުމެން އިހުތިޖާޖުކުރާނަން،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީގެ އަސާސްތައް ކަމަށާއި އެ ކަމަށް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/177410

މި ކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެ ޕާޓީގެ ރަސްމީ ނިންމުމާ ޚިލާފަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން ސޮއިކުރިކަން ޔަގީންވާ ހިސާބުން އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން މެމްބަރުން މަސައްކަތް ކުރައްވަނީ ޕާޓީގެ ތެރޭ ތިބެ ސަރުކާރާ ދެކޮޅަށެވެ. އެ މެމްބަރުން ގެންދަވަނީ އިދިކޮޅު އިއްތިހާދާ ގުޅިގެން މި މައްސަލައިގައި މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް