ރައީސަށް ''ވަގަށް'' ގޮވި މައްސަލަ: މުޣުނީއާ ސުވާލު ކުރަނީ

ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ -- ފޮޓޯ/ އެންއީއޯސީ

އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން މުޣުނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ 'ވަގެއް' ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވި މައްސަލައެއް ފެންމަތިވެ ރައީސް އޮފީހުން އޭނާއާ ސުވާލުކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "ސަން"އަށް ވިދާޅުވީ މުޣުނީގެ އެ ޓްވީޓަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރަން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑާ ހިލާފް ޓްވީޓެއް ކަމަށެވެ. އަދި އެ ކަމާ ގުޅިގެން އޭނާއާ ސުވާލުކުރާނެކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.

މުޣުނީގެ ރަސްމީ އެކައުންޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ރައީސް ޞާލިހަކީ "ވަގެއް" ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތަކުގެ އިސްވެރިންނަކީ ވެސް ނާގާބިލު ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ނަން ފާހަގަކޮށް ކޮރަޕްޓް ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ. އަދި ކޮރަޕްޝަން ނިމެން ދެން އޮތީ އެންމެ ހަތަރު މަސް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

ފަހުން ވަނީ އެ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުޣުނީ މީގެ ކުރިން ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އެއީ ވަރަށް ބޮޑު މުސާރައެއް ލިބޭ މަގާމެކެވެ. ރައީސް ޞާލިޙް ފަހުން ވަނީ އޭނާ އެ މަގާމުން ދުރުކުރައްވައި ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދެއްވާފައެވެ. އެއާއެކު ކުރިން ލިބުނު މުސާރައާއި އިނާޔަތްތައް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. މުޣުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރުމަށް ފަހު އެ މަގާމު ދެއްވީ އަޙްމަދު ޝަރީފަށެވެ.

comment ކޮމެންޓް