މުބާރާތް ބާއްވާ ތަން ނުނިމޭތީ، ވޮލީ ބޯލް އެސޯސިއޭޝަން ކަޕް ފަސްކޮށްފި

2019 ވަނަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގް ފައިނަލް މެޗަަށްފަހު ދިވެހި ސިފައިންގެ ޓީމުން ތަށި އުފުލާލަނީ...

މުބާރާތް ބާއްވާ ތަނުގެ މަސައްކަތް ނުނިމޭތީވެ، މި މަހު 20ވަނަ ދުވަހު ފެށުމަށް ތާވަލްކުރި ވޮލީބޯލް އެސޯސިއޭޝަން ކަޕް 2023 ފަސްކޮށްފިއެވެ.

ވޮލީ ބޯލް އެސޯސިއޭޝަން ކަޕް ފަސްކުރި ސަބަބާއި ބެހޭ ގޮތުން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ އަދަދު ގިނަވެ، މުބާރާތުގެ ފޯރި ވެސް ގަދަވެފައިވާ ކަމަށެވެ.

ވީއޭއެމުން ބުނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލު ލިބިފައިވާ މުއްދަތަށް، މުބާރާތް ނުނިންމޭނޭ ކަމަށް ފެންނާތީވެ މުބާރާތް ބާއްވާނެ ތާރީހު ފަސްކޮށްފައިވާ ކަމަށެވެ.

ކުރިން ރާވާފައި އޮތް ގޮތުން މުބާރާތް ފެށުމަށް ތާވަލްކޮށްފައި އޮތީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހެވެ.

މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕް ކުޅުމަށް ހަމަޖެހިފައިވަނީ، ފިރިހެން ޑިވިޒަނެވެ. ކުރިން އޮތް ގޮތުން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިއަދެވެ. އަދި ޓީމް ލިސްޓް އަންނަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހަޅައި ނިންމަން ޖެހެއެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ވާދަކުރެވެނީ ވޮލީ ބޯލް އެސީސިއޭޝަނުގެ މެމްބަރޝިޕް ލިބިފައިވާ ފަރާތްތަކާއި އެ އެސޯސިއޭޝަނުން ދައުވަތުދޭ ހާއްސަ ފަރާތްތަކަށެވެ.

ތިން އަހަރު ދުވަހުގެ މެދުކަނޑުމަކަށް ފަހު އެންމެ ފަހުން ވޮލީބޯޅައިގެ އެސޯސިއޭޝަން ކަޕް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. އޭގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ 2019ވަނަ އަހަރެވެ. އޭގެ ފަހުން 2022ވަނަ އަހަރާއި ހަމަޔަށް އޭރު މި މުބާރާތް ނުބޭއްވުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުޅިވަރު މުބާރާތް ބޭއްވުމަށް ދިމާވި ދަތިތަކާ ހެދިއެވެ.

އެންމެ ފަހުން 2022ވަނަ އަހަރު ބޭއްވި އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީއެވެ.

comment ކޮމެންޓް