ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކަށް 18،000 ރުފިޔާގެ ޖޫރިމަނާއެއް

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖެއްގެ ކަންފަތްމަތީގައި ޖެހި ފުލުހަކު 18،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ 2016ވަނަ އަހަރުގެ އޯގަސްޓް 30ވަނަ ދުވަހު 18:30ހާއިރު ސ. ފޭދޫ އޯކިޑު މަގުގެ މުލައްޑޫ ގަރާޖު ކައިރިން ހިނގާފައިދަނިކޮށް ކުޑަކުއްޖެއްގެ ވާތްފަރާތު ކަންފަތްމަތީގައި ޖެހިކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކޮށްފައި ވަނީ ލ. ހޮޔަދޫ/ ޕޯނަމް، ނަޝީދު މުހައްމަދު ނަމަކަށް ކިޔާ ފުލުހެއްގެ މައްޗަށެވެ.

ދައުލަތުން އެ ފުލުސް މީހާގެ މައްޗަށްކުުރި ދައުވާގައި ވަނީ، ކުޑަ ކުއްޖަކު އިތުރު ބަޔަކާ އެކު، މަގުމަތީގައި ހިނގާފައި ދަނިކޮށް، އެ ކުޑަކުއްޖާއަށް ގޮވައި ފުލުސް މީހާ ކައިރިއަށް އައުމަށް ބުނި ކަމަށެވެ. އަދި، ކުޑަ ކުއްޖާ ފުލުސް މީހާ ކަރިއަށް ދިއުމުން ކުޑަ ކުއްޖާގެ ވާތް ފަރާތު ކަންފަތް މަތީގައި ޖެހުމުގެ ސަބަބުން އޭނާއަށް އަނިޔާވެފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.

ނަމަވެސް ފުލުސް މީހާ ވަނީ ދައުލަތުގެ އެ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެކަމަކު، ދައުލަތުން ފުލުސް މީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ފުލުސް މީހާ އެ ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި އެ ކުއްޖާ ޖެހުމުން ފުލުސް މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ. އަދި، އެ ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް މެޑިކަލް ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުގެ މަތިން، ދައުލަތުން ފުލުސް މީހާގެ މައްޗަށް ކުރި ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުޑަކުއްޖަކަށް ހަމަލާދީފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކޮށް، ފުލުސް މީހާ ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދޭން އެ މީހާ އެދުމުން، އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވާތީ އާއި އޭނާއަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވުމުގެ އިތުރުން ދައުލަތުން އެ ކަމަށް ދެކޮޅު ހަދާފައި ނުވާތީ ކޯޓުން ވަނީ އެގޮތަށް ނިންމައިފައެވެ.

އެހެންވެ، ޖަލު ހުކުމް ޖުރިމަނާ ބަދަލު ކުރުމުން ޖެހެނީ 18،000 ރުފިޔާއަށް ވާއިރު، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރި ހުކުމުގައި ވަނީ، އެ ފައިސާ ތިން މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

comment ކޮމެންޓް