ރަށުން ނެތެމުންދާ އަނބު ގަސް އާލާ ކުރަން ހޯރަފުށީ ރައްޔިތުންގެ ކަމަރު ބަނދެލައިފި

ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދަނީ -- ފޮޓޯ/ ކައުންސިލް

ހއ. ހޯރަފުށީގެ މާހައުލަށް ފެހިކަމާއި ތާޒާކަން ގެންނަން ވެގެން އެއް ލައްކަ ގަސް އިނދުމުގެ ޕްރޮގްރާމެއް އެ ރަށު ކައުންސިލުން ފަށައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒު ހުރީ އެ ރަށުން ނެތެމުންދާ އަނބު ގަސް އާލާ ކުރުމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އާބާދީގައި ގާތްގަނޑަކަށް 3،500 މީހުން ދިރިއުޅެމުން އަންނަ އެ ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ވިޔަފާރި ކުރުމާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތެވެ.

ހޯރަފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ލާމަސީލު ރަށެކެވެ. އަދި ތިމާވެއްޓަށް ލޯބިކުރާ އެހާމެ ރަށް ދެކެ ލޯބިވާ އަމިއްލަވަންތަކަމެއް ގެންގުޅޭ ރައްޔިތަކު ދިރިއުޅެމުންދާ ތަނެކެވެ.

ތަފާތު މާމެލި ފޮޅޭ ބަގީޗާއި ތަކާއި މޭވާ ގަސްތަކުން މުއްސަނދިވެފައިވާ ހޯރަފުށީގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހުރިހާ ރަށެއްގައި ހެން އެންމެ އާންމުކޮށް ހައްދާ އެއް މޭވާ ކަމުގައިވާ އަނބު ގަސް އެ ރަށުން ވަރަށް ބޮޑަށް މަދުވެފައި ވާތީއެވެ.

ހޯރަފުއްޓަށް އަނބުގަސް ތަކެއް ބާލަނީ -- ފޮޓޯ/ ކައުންސިލް

"ސަން "އަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއާޕޯޓް އެޅުމާއި ގުޅިގެން ރަށު ތެރެ ވަރަށް ހޫނު ގަދަ ކަމަށާއި އެހެންވެގެން ރަށުގެ ފެހިކަން ގެންނަން، އެއް ލައްކަ ގަސް އިނދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ގަސް އިންދުމުގެ ޕްރޮގްރާމް ފެށިއިރު ހޯރަފުށީގައި އަނބު އާއިލާ ވަރަށް މަދުކަން ފާހަގަ ކުރެވިގެން ކައުންސިލްގެ މައިގަނޑު އަމާޒު ހިފީ އަނބުގަސް ހައްދާ އާލާ ކުރުމަށް ކަމަށެވެ.

ރަށުގެ ރައްޔިތުން ވެސް ގޭގެ ކުރިމަތީގައި އަނބުގަހެއް ޖަހާ އެ ގަސްތަކަށް ފެންދީ ބަލަހައްޓަމުން އަންނަ ކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތަކުގެ ބޮޑު އިންސައްތައެއް ރައްޔިތުން އަމިއްލައަށް ފެނިގެން ފުރިހަމަ ކޮށްދޭތީ އުފާ ކުރައްވާ ކަމަށެވެ.

"ރަށުން އަނބު ގަސް ނެތެމުން ދާތީ މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ކަމަރު ބަނދެ، އަމާޒު ހިފީ އަނބު އާލާކޮށްފައޭ ހުއްޓާލާނީ. މިހާރު ހެދޭކަމުގެ ޔަގީންކަން ލިބިއްޖެ. މިއަދުގެ ހަގީގަކީ މި ރަށުގެ ރައްޔިތުން ވެސް އެ ގެއެއްގެ ކުރިމަތީގައި އަނބުގަހެއް ޖަހާ އެ ގަސްތައް ރޯކޮށްފި. ކައުންސިލުން ކަވާ ކުރަން ވަރަށް ބޮޑު ޕަސެންޓެއް އާއްމު ރައްޔިތުން އެދަނީ އަމިއްލައަށް ފެނިގެން ކަވާ ކުރަމުން،" ވަހީދު ވިދާޅުވިއެވެ.

"މިއަދުގެ ހަގީގަކީ މި ރަށުގެ ރައްޔިތުން ވެސް އެ ގެއެއްގެ ކުރިމަތީގައި އަނބުގަހެއް ޖަހާ އެ ގަސްތައް ރޯކޮށްފި،"

ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދަނީ -- ފޮޓޯ/ ކައުންސިލް

ވަހީދު ވިދާޅުވީ ރައްޔިތުންގެ މެދުގައި އަނބުގަސް އިންދުމުގެ ޖޯޝް އުފެދިގެން އަމިއްލަ އިސްނެގުމަށް އެ މަސައްކަތް ކުރަން ފެށުމުން އުއްމީދު އައުވެ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

އަނބު ގަހުގެ އިތުރުން އެ ރަށުން ނެތެމުންދާ ވައްތަރުގެ ގަސްތައް މަގުތަކުގައި އިންދަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ. އެ ބާވަތްތަކުގެ އިތުރުން ޖަނބުރޯލާއި އަތަ އާއި ގޯނބިލި ގަސްގެ އިތުރުން ބިލަމަގު ވެސް ހައްދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރަށުން ނެތިގެން ދާ ކަލަހަ ގަސްތައް މަގުތަކުގައި މި އިންދަނީ. އިރާ ކުރެއްވީތީ އެ ގަސްތައް ރޯވެގެން ފޯދި ވަރަށް ކާމިޔާބު." ވަހީދު ވިދާޅުވިއެވެ.

ކައުންސިލުން ވަނީ އަނބު ފާމަކާއި ކުރުނބާ ރުއްދަނޑެއް ހެއްދުމުގެ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ކުރުނބާ ދަނޑުގެ އެއް ސަރަހައްދެއްގައި 160އަށް ވުރެ ގިނަ ކުރުނބާ ރުކާއި އަނބު ފާމުގައި މިދިޔަ ދެވަހުގެ މަތީން 40 އަނބުގަސް އިންދާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

މަގުތަކުގައި ބަގީޗާ ގަސް އިންދުމަށް ހަމަޖެހިފައިވާ ތަންތަނުގައި މަލިކުރުވާ މަލާއި ބޯގަސް ވިލާ ގަހާއި މި ހުރިހާ ކަމެއް ވެސް ވަރަށް ބާރަށް އެބަ ކުރިއަށް ދޭ. އެހެންވީމަ ފިއުޗާގައި ވަރަށް ހެޕީ ގާޑަން އައިލެންޑެއްގެ ގޮތުގައި ހޯރަފުށި ފެނިގެންދާނެ ކަމަށް އުއްމީދު ކުރަނީ،" ވަހީދު ވިދާޅުވިއެވެ.

ހޯރަފުށި ފެހި ކުރުމުގެ މަސައްކަތުގެ ތެރެއިން ހައްދާ ބަގީޗާ ގަސްތަކެއް -- ފޮޓޯ/ ކައުންސިލް

ހޯރަފުށީ ކައުންސިލުން ވަނީ މީގެ ކުރިީން ވެސް ދެ ފަހަރެއްގެ މަތީން މަގުތަކުގައި އަނބު ގަސް އިންދާފައެވެ. އެގޮތުން 121 އަނބު ގަސް އިންދާފައިވެއެވެ.

މީގެ އިތުރުން 2020ވަނަ އަހަރުގެ ތެރޭގައި 100 ބަނބުކެޔޮ ގަސް ކައުންސިލުން އިންދާފައިވެއެވެ. އަދި ހޯރަފުށީ އެއާޕޯޓް ފެހިކުރުމަށް 100،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކައުންސިލުން ހިންގާފައެވެ.

ހޯރަފުށީ ކައުންސިލުން ވަނީ ރަށް ފެހި ކުރުމުގެ މަސައްކަތަށް އެ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްވާ އެހީތެރިކަމާއި ކުރައްވާ ޚަރަދު ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް