ކ. ހިންމަފުށި އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތްކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންނާ ކަރެކްޝަންސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އޮފިސަރަކު އަތުލައިގަނެފައިވާ ކަމަށެވެ. އަދި, އޭނާ ޖަލަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި ވެސް އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ މިހާރު އެ އޮފިސަރު ހައްޔަރުކޮށް، ކަރެކްޝަންސްގެ ޚިދުމަތުން ސަސްޕެންޑް ކުރެވިފައިވާ ކަަމަށެވެ.
"މިފަދަ ކަންކަމުގައި މަދުން ނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް". އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެެވެ.
މި މައްސަލައާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން ވިދާޅުވީ މިފަދަ ކަންތައްތައް ހުއްޓުވުމުގެ ގޮތުން އެ ސާވިސްއިން މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އިންޓެލިޖެންސްއިން މޮނިޓާ ކުރުމާ އެފަދަ ކަންކަން ބެލުމަށް ޚާއްސަ ބޯޑެއް ވެސް އެކުލަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުސްރީން ވިދާޅުވީ ޝައްކުވާ ކަމެއް އުޅޭނަމަ އިންޓާނަލް ތަހުގީގު ހިންގައި އަޅަންވާ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ޖެހިއްޖެ ނަމަ ނުވަތަ ފުލުހުންނާ ހަވާލުކުރަން ޖެހޭ ކޭސްއެއް ނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.