ނޮމިނަލް ޖީޑީޕީ ނުވަތަ އެ ދުވަސްވަރެއްގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އުފެއްދުންތެރިކަމުގެ މިންވަރު ހުރި ނިސްބަތް ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް މިއަހަރު 100 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީ އިން ނެރޭ މެކްރޯ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓަށް ރިއާޔަތްކުރައްވަމުން މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް ދިމާވާ ހިރާސްތަކާއި ގޮންޖެހުންތަކާއި އެކު ވެސް، ސަރުކާރުން އެކަށައަޅައި އަދި ކަނޑައަޅާފައިވާ ތަފާތު އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަންދާޒާއަށް ވުރެ ވެސް ކުރިއަރާނެ ކަމަށެވެ.
އެކަމުން ސާބިތުކޮށްދެނީ ސަރުކާރުން އެކަށައަޅައި އަދި ކަނޑައަޅާފައިވާ ތަފާތު އިގްތިސާދީ ފިޔަވަޅުތަކުގެ ހަރުދަނާ ކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓުން ފެންނަ ގޮތުންނަމަ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރަށް ކުރިން އަންދާޒާ ކުރި 7.6 އަށް ވުރެ މަތިވާނެއެވެ. އެގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު 9.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުން އެންމެ ފާހަގަވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަށް ގެނެވުނު ކުރިއެރުމެވެ. އެގޮތުން ކުރިން 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް، މިހާރު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ނިސްބަތަށް ރިއާޔަތްކުރުމަށްފަހު ސަރުކާރުން ވަނީ އެ އަދަދު 1.9 މިލިއަނަށް އިތުރުކޮށްފައެވެ.
މީގެ މައިގަނޑު ސަބަބެއް ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޮވިޑުގެ ކުރީގެ ހާލަތަށް ވުރެ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މި އަހަރުގެ މިހާތަނަށް 8.5 ޕަސެންޓް ކުރިއެރުމެވެ.

ފަތުރުވެރިއަކު ރާއްޖޭގައި
އެގޮތުން މި ރިޕޯޓުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ބެލެވޭ ބައެއް ސަބަބުތަކުގެ ތެރޭގައި:
- ޓޫރިސްޓު ބެޑްނައިޓްތައް 2019 ވަނަ އަހަރާ އަޅާބަލާއިރު 14.7 ޕަސެންޓް އިތުރުވުން.
ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން 7.3 ދުވަސް މަޑުކުރާއިރު، މި އަދަދަކީ މި އަހަރު އަންދާޒާ ކުރި އަދަދަށް ވުރެ 3.3 ޕަސެންޓް އިތުރު އަދަދެކެވެ.
- ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުން.
މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،821.4 ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު، މިއީ ކޮވިޑުގެ ކުރީގެ އަހަރާ އަޅާބަލާއިރު 8.5 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ހުރިހާ ކަމަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން ނިމިދިޔަ އަހަރުތަކަށް ވުރެ 15.2 ޕަސެންޓަށް އިތުރުވެ، މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ތެރެއިން ރާއްޖޭގެ ބެޑް ނައިޓްގެ އަދަދު 14.1 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ އަންދާޒާކޮށްފައެވެ.