އިޒްރޭލުން ޢައްޒާއަށް ހަމަލާ ދެމުންދާތާ ހަތަރު ދުވަސް، 32 މީހަކު ޝަހީދު ކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 32 މީހަކު މަރުވެއްޖެ--

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 32 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ރޮކެޓް ހަމަލާތައް ފޮނުވަމުންދާއިރު، މިއީ މި ނުރައްކާތެރި ހަމަލާތައް ޖެހިޖެހިގެން ފޮނުވަމުންދާތާ ހަތަރުވަނަ ދުވަހެވެ.

އިޒްރޭލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އެޅުމާ ގުޅިގެން ރައްދުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕުން ވެސް ވަނީ ރޮކެޓު ހަމަލާތައް އިޒްރޭލަށް ފޮނުވާފައެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ މީހަކު ވަނީ މަރުވެފައެވެ. އަދި، އިތުރު ބަޔަކު ޒަޚަމްވެ، ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ދެ ފަރާތުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު ވެސް ހުއްޓާލުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

އަލްޖަޒިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާތައް ދެމުންދާ ސަރަހައްދުގައި މިހާރު އަންނަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފާނެކަމުގެ އިންޒާރު ރައްޔިތުންނަށް ދެމުންނެވެ. އެގޮތުން މިހާތަނަށް 800 އަށް ވުރެ ގިން ރޮކެޓު ހަމަލާ ފޮނުވާފައިވާ ކަމަށް ބެލެވެއެވެ.

އެގޮތުން މި ބާރުގަދަ ރޮކެޓް ހަމަލާގެ އަސަރު ނުކުރާނެ ފަދަ ތަންތަނަށް މީހުން ގެންދިއުމަށް ޓަކައި އެ ސަރަހައްދުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގައުމުގެ އަސްކަރިއްޔާއާއި އިންޓެލިޖެންސް އޮފިޝަލުންނާ ބައްދަލުކުރައްވާ އެ ގައުމުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ބުނެފައެވެ. އަދި، އިޒްރޭލުގެ މީހުންނަށް ގެއްލުންދޭ މީހުންގެ ގައިން "ލޭ އޮހޮރުވާލާނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް