މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މި މަހު 26ގައި ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީ އިން ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމެވެ.
އެމްއެންޕީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން ނާޒިމް ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ކުލަ ގަދަ ޖަލްސާގައި އޭނާގެ ކެމްޕެއިން ވެސް ރަސްމީކޮށް ލޯންޗު ކުރާނެ ކަމަށެވެ. ނަމަވެސް އެ ޖަލްސާ ބާއްވާނެ ވަކި ތަނެއް ނާޒިމް ވިދާޅުނުވެއެވެ.
ނާޒިމް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުން މުޅި ގައުމު ބަދަލުކޮށްލަން ޖެހޭ ކަމަށާއި މިއީ އެ ފަހަރު ކަމަށެވެ. އަދި ނާޒިމް ވަނީ ގައުމަށް އެ ބަދަލު ގެނައުމަށް އެމްއެންޕީއާ އެކު ސާބިތުވެ ތިބެ، ރައްޔިތުން ނުކުމެ ބަދަލަކަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި އެމްއެންޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ވެސް ނާޒިމް އެކަންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާ އިރު މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިތުރު ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.