ވިލާ ކުންފުނިން 228 މިލިއަން ރުފިޔާ ދީފައި ތިލަފުށިން ދެ ބިން ގަނެފި

ތިލަފުށީގައި ހުންނަ ވިލާ ހަކަތައިގެ ސައިޓު -- ފޮޓޯ/ވިލާ ހަކަތަ

ވިލާ ކުންފުނިތަކުގެ ގުރޫޕުގައި ހިމެނޭ ވިލާ ޝިޕިން އެންޑް ޓްރޭޑިންއިން 228.7 މިލިއަން ރުފިޔާއަށް ތިލަފުށިން ދެ ބިމެއް ގަނެފިއެވެ.

ބިމުގެ މިލްކުވެރިކަން ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުން އެނގޭ ގޮތުގައި، ވިލާ ޝިޕިން އެންޑް ޓްރޭޑިންއިން މި ބިންތައް ގަންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މިހާރު އާބަންކޯ)އާއެކީ އެއްބަސްވީ މިދިޔަ މާޗު މަހުގެ 13 ގައެވެ.

އާބަންކޯއިން މި މައްސަލަ ކޯޓަށް މައްސަލަ ހުށަހެޅީ އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 228،793،642.59 ރުފިޔާ ފައިސާ ވިލާއިން ދައްކާ ޙަލާސްކުރުމުންނެވެ.

ވިލާއިން ގަން ބިންތަކުގެ ތަފްސީލު

  • 393،211 އަކަފޫޓުގެ ބިމެއް
  • 156،693 އަކަފޫޓުގެ ބިމެއް

ބިން ވިއްކުމުގެ މުއާމަލާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ސިވިލް ކޯޓުން ވަނީ ބިންތައް ވިއްކުމުގައި ޝަރުޢީ އަދި ޤާނޫނީ ރުކުންތައް ފުރިހަމަވެފައިވާތީ، ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ބިންތައް މިލްކުވެގެންވާ ކަމަށް ކަނޑައަޅާ ހުކުމްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ގުރޫޕުގައި ހިމެނޭ ކުންފުނިތަކުން މިހާރު ވެސް ތިލަފުށިން ބޮޑެތި ބިންތަކެއް ނަގައިގެން ވިޔަފާރި ކުރެއެވެ. އޭގެ ތެރޭގައި ވިލާ ހަކަތައިގެ ތެލާއި ގޭސް ރައްކާކުރާ ތަންތަނާއި ވިލާ ސިމެންޓް އުފައްދާ ކާރުހާނާ އާއި ގުދަންތައް ހިމެނެއެވެ.

comment ކޮމެންޓް