އޭޖީ ރިފުއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ބަންޑާރަ ނައިބު ރިފްއަތު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައި ކުރުމާ ބެހޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބެލި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފުއަތު އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.

އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތް ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އާއި ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދިނުން ހިމެނޭ ކަމަށެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ ނޯ ކޮންފިޑެންސް ހުށަހެޅުމުގެ މަސައްކަތް ވެސް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ވާހަކަ ދަންނަވާލަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރިފުއަތުގެ މައްސަލަ ހުށަހެޅީ އެފަދަ މައްސަލައެއް ހުށަހަޅަން މަޖިލީހުގެ ގަވާއިދު ބުނާ އަދަދު ހަމަކުރުމަށް ފަހު ކަމަށެވެ. އަދި ޝާހިދުގެ މައްސަލަ ހުށަހެޅޭ ވަރަށް މެންބަރުން ހަމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން 10 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

އެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން ގޮތް ކަނޑައަޅާފައި ވަނިކޮށް ރިފްއަތު އަމަލު ކުރެއްވީ އެހެން ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.

"ރައްޔިތުން ކަނޑައަޅާފަ އޮތް އިމެއް ދޫކޮށްލީމާ އެއަށް ވުރެން ބޮޑު، ގާނޫނު އަސާސީއާ ޚިލާފަށް އެއަށް ވުރެ ބޮޑު ޚިޔާނާތެއް ނޯންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެން ތިއްބެވި މަޖިލީހުގެ މެންބަރުން ވެސް އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެ އަދި އެއީ އެބޭފުޅުންގެ ގާނޫނީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން، އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.

ފިކުރެއްގެ ދިރުމުގައި ތިއްބަވާ މަޖިލިސް މެންބަރުންގެ އަދަދު 12އަށް އަރާއިރު ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ތިއްބަވައެވެ. އަދި ޖޭޕީގެ ތިން މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ވެސް ތިން މެންބަރުން ތިއްބަވައެވެ.

ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިޓްލޮސްއިން ނިންމި ނަމަވެސް ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވައި ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް