ށ. ފޭދޫ ބަނދަރު ތަރައްގީކޮށް ނިމި ރައްޔިތުންނަށް ހިތްހަމަޖެހުން

ށ. ފޭދޫ ބަނދަރު --

ޖާގައިގެ ދަތިކަމާ ހެދި ލަފާފުރުމުގެ ދަތިކަން ދިމާވެފައި އޮތް ށ. ފޭދޫގެ ބަނދަރު އެމްޓީސީސީން ނިންމައިލައިފިއެވެ.

ދައުލަތުގެ ބަޖެޓުން 35.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަލަށް އެޅި މި ބަނދަރުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ށ. ފޭދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ސުނިލް މިއަދު "ސަން"އަށް ވިދާޅުވީ ކުރިން އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން އޮތުމުން ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް އަލަށް ހެދި ބަނދަރާއެކު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގައި ވެއްޖިއްޔާ މުދާ އުފުލާ ބޮޑެތި އޮޑިފަހަރު އައިއްސިއްޔާ ދޯނިފަހަރު ދުރުކުރަން ޖެހޭ. މިހާރު އެ ފަދަ އުނދަގުލެއް ކުރިމައްޗެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ފޭދޫ ބަނދަރުގެ 25،456 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށްފައެވެ. އަދި 280 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލިއިރު 110 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހިއެވެ. އަދި 317 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލައި ޕޭވްމަންޓް ހެދުމާއި މޫރިން ބޯއީސް ޚަރުކުރުމާއި ނެރު އަދި ބަނދަރު ބައްތި ޖެހުން ވަނީ ނިންމައިލައިފައެވެ.

comment ކޮމެންޓް