އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި 20 މިލިއަން ރުފިޔާ ބަހަން ބޯޑުން ނިންމައިފި

އެމްޓީޑީސީން މީގެ ކުރިން ބޭއްވި އަހަރީ އާއްމު ޖަލްސާއެއްގައި އެކުންފުނީގެ ހިއްސާދާރުން--- ފޮޓޯ/ސަން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރު ލިބުނު ފައިދާއިން 20 މިލިއަން ރުފިޔާ ބަހަން ހިއްސާދާރުންނަށް ހުށައަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން މިގޮތަށް ނިންމާފައިވަނީ، ހުސްވި އޭޕްރިލްމަހުގެ 27 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުންނެވެ.

ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމި އަދަދު ފާސްކުރުން އޮންނާނީ އަހަރީ އާއްމު ޖަލްސާގައެވެ. އެމްޓީޑީސީއަށް 2022 ވަނަ އަހަރު ސާފްފައިދާގެ ގޮތުގައި 38.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގިނަ ދުވަސްތަކެއް ގެއްލުމުގައި ހިންގަމުން އައި އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަން ފެށީ 2019 ގައެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ.

comment ކޮމެންޓް