ކައިވެނި ރޫޅުމަށްފަހު ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން 70,000 ރުފިޔާ ނުދައްކާ ހުރި ބައްޕަގެ މުސާރައިން ބައެއް އުނިކޮށް އެ ފައިސާ ކޯޓަށް ޖަމާކުރުމަށް މެޖިސްޓްރޭޓް ކޯޓަކުން ޙުކުމް ކޮށްފިއެވެ.
އެ ދެ މީހުންގެ ކައިވެނި ރޫޅިފައިވަނީ 2019, ޖުލައި 31 ވަނަ ދުވަހުއެވެ. އޭރު ދެމަފިރިންގެ ދެ ދަރިން ތިބެއެވެ.
އެ ދުވަހުން ފެށިގެން މި މައްސަލައިގެ ހުކުމް ކުރި ދުވަސް މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ދެ ދަރިންގެ ޚަރަދުގެ ގޮތުގައި ފިރިހެން މީހާ 138,161 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ ދެ ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 3000 ރުފިޔާގެ މަގުންނެވެ.
ނަމަވެސް ކޯޓުގެ ރިކޯޑްސްއިން އެނގޭ ގޮތުން މިހާތަނަށް ފިރިހެން މީހާ ދައްކާފައިވަނީ 68,000 ރުފިޔާއެވެ. ބައިކީ 70,161 އޭނާ އަދި ދައްކަން ޖެހެއެވެ. އެކަމަށް ފިރިހެން މީހާ ވަނީ އިއުތިރާފްވެފައެވެ.
އެހެންކަމުން ދަރިންގެ މަންމަ އެދުނީ ފިރިހެން މީހާއަށް ކޮންމެ މަހަކު ލިބޭ މުސާރައިން ވަކި ވަރެއް ކަނޑައިދީ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ އޭނާއަށް ދައްކާ ޚަލާސް ކުރުމަށެވެ. ފިރިހެން މީހާ އުޅެނީ ސަރުކާރުގެ ވަޒީފާއެއްގައެވެ.
މުސާރައިން ފައިސާ ކެނޑުމަށް ފިރިހެން މީހާ ދެކޮޅު ހެދިއެވެ. އަދި ފައިސާ ލިބޭނަމަ އެއް އަހަރު ދުވަސް ވުމުގެ ކުރިން ވެސް އަންހެން މީހާއަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށް ބުންޏެވެ.
ނަމަވެސް މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އޭނާގެ މުސާރައިން ކޮންމެ މަހަކު 5846.77 ރުފިޔާ އުނިކޮށް މީގެ ކުރިން ނުދައްކާ ހުރި ފައިސާ އަންހެން މީހާއަށް ލިބޭނެ ގޮތް ހެދުމަށެވެ. އަދި އެ ފައިސާގެ އިތުރުން ކޮންމެ މަހަކު ދެ ދަރިންނަށް ދޭން ޖެހޭ 3000 ރުފިޔާ ވެސް ފިރިހެން މީހާގެ މުސާރައިން އުނިކޮށްދިނުމަށް ވަނީ ހުކުމް ކޮށްފައެވެ.
އެ މުއްދަތުގެ ތެރޭގައި ފިރިހެން މީހާ ވަޒީފާއިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެކަން ލަސްނުކޮށް ކޯޓަށް އެންގުމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.