މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރަށް ފާސްކުރި މުޅި ބަޖެޓުގެ (42.8 ބިލިއަން ރުފިޔާ) ގެ ތެރެއިން 15 ބިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ރިކަރެންޓް ޚަރަދުތަކަށެވެ.
ރިކަރަންޓް ޚަރަދަކީ އެޚަރަދެއް ހިނގުމާއިއެކު އުވި ނެތިދާގޮތަށް ކުރެވޭ ޚަރަދެވެ. ނުވަތަ، ސަރުކާރު ހިންގުމުގައި ބޭނުންކުރާ ޚަރަދެވެ.
ރިކަރެންޓް ޚަރަދުގެ ތެރޭގައި ހިމެނޭނީ މުވައްޒަފުންނަށް ހިނގާ މުސާރައިގެ ޚަރަދާއި، އޮފީސް ހިންގުމުގެ ޚަރަދާއި، ސަރުކާރުން ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތައް ބެލެހެއްޓުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތެއް، ކަނޑައެޅިފައިވާ ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ހިނގާ ޚަރަދާއި އަދި ސަބްސިޑީޒްއާއި ސަރުކާރުން ނަގާފައިވާ ލޯނުގެ ޚިދުމަތުގެ ޚަރަދެވެ.
އެގޮތުން މުޅި އަހަރަށް ރިކަރެންޓް ޚަރަދުގެ ގޮތުގައި ފާސްކޮށްފައިވާ 28 ބިލިއަން ރުފިޔާގެ ތެރެއިން މި އަހަރުގެ މިހާތަނަށް ވަނީ 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް ޙަރަދުގެ ގޮތުގައި ކަނޑައެޅި 12 ބިލިއަން ރުފިޔާގެ ތެރެއިން ފަސް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ވަނީ ޚަރަދުކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކުރި އެއްކަމަކީ ސަބްސިޑީއެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ދިނުމަށް މިއަހަރު ފާސްކުރި 2.285 ބިލިއަން ރުފިޔާގެ ތެރެއިން، މި އަހަރުގެ މިހާތަނަށް ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވަނީ ޚަރަދުކޮށްފައެވެ.
ސަބްސިޑީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަނީ ތެލަށާއި ކަރަންޓު އުފައްދުމަށެވެ. އެގޮތުން ތެލުގެ އަގު ބޮޑުވުމަކީ ސަބްސިޑީއަށް ދާ ޚަރަދު އިތުރުވާނެ ކަމެކެވެ.
އެހެން ނަމަވެސް، ރާއްޖޭގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން މީގެ ކުރިން ވަނީ ލަފާދީފައެވެ. މީގެ މިސާލެއްގެ ގޮތުން ވޯލްޑް ބޭންކުން މީގެ ކުރިން ބުނީ ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ޚަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭކަމަށެވެ.
ސަބްސިޑީގެ އިތުރުން، އާސަންދައަށް މި އަހަރު ބަޖެޓު ކުރީ އެއް ބިލިއަން ރުފިޔާއެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އާސަންދައަށް ވެސް ވަނީ 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.