ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފައިޙް، ޝަރީއަތް ނިމެންދެން ބަންދަށް

ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ --- ފޮޓޯ/ ފުލުހުން

މާރާމާރީ ހިންގުމަށް ފަހު ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހީމް ފައިހް ނިޒާމް, ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

ފައިޙްގެ މައްޗަށް ތިން ދައުވާއެއް އުފުލައި އިއްޔެ ވަނީ ޝަރީއަތް ފަށައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އަދި، ގައިގައި އަތްލުމުގެ ދައުވާއެވެ.

އެ މައްސަލަތަކުގައި އިއްޔެ ބޭއްވި ފުރަތަމަ އަޑައެހުމުގައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް އޮތް ނަމަވެސް ދިފާއީ ވަކީލުގެ އެދުމުގެ މަތިން ވަނީ އެހެން ދުވަހަކަށް ފަސް ކޮށްފައެވެ. އަދި، ބަންދާ މެދު ގޮތެއް ކަނޑައެޅުމުގެ ބައިގައި ފުލުހުން އެދުނީ މީގެ ކުރިން ވެސް އެދުނު ފަދައިން ޝަރީއަތް ނިމެންދެން ފައިޙް ބަންދުކޮށް ދިނުމަށެވެ. އެއީ، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ތުހުމަތުވާތީއެވެ.

ފުލުހުން އެދުނު ގޮތަށް މައްސަލަ ބައްލަވާ ގާޒީ އިސްމާޢީލް ޝަފީޢު ވަނީ ޝަރީއަތް ނިމެންދެން ފައިޙް ބަންދުކުރަން އަމުރު ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ވެސް ފުލުހުން ފައިހަށް ތުހުމަތުކުރާކަން ވަނީ އެނގިފައެވެ.

މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާ ދިނީ ފެބްރުއަރީ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، ހަމަ އެ މަހުގެ 27ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

ސިލްސިލާ މާރާމާރީތަކެއް މާލޭގައި ހިންގަމުން ދަނިކޮށް ފައިޙް ހޯދަން އިއުލާންކުރީ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ނުފެނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން މާޗު މަހުގެ 21ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.

ނައުޝާދުގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 20 އަހަރުގެ ޒުވާނަކު ވެސް ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް