ލަންކާއަށް ޕާޓީ ޑްރަގްސް އެތެރެކުރި ދިވެއްސަކު ހަތް އަހަރަށް ޖަލަށް

2018 ވަނަ އަހަރުގެ މެއި މަހު ލަންކާއިން ހައްޔަރުކުރި ދެ ދިވެހިންގެ އަތުން ހޯދި އެކްސްޓެސީ ގުޅައިގެ އަދަދު 10 މިލިއަން ރުޕީސްއަށް އަރާ -- ފޮޓޯ/ ޑެއިލީ މިރާ

ސްރީލަންކާއަށް ޕާޓީ ޑްރަގްސް އެތެރެކޮށްގެން ގެންގުޅުނު ދިވެއްސަކު ހަތް އަހަރަށް ޖަލަށް ލާން ކޮލޮމްބޯ ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ލަންކާގެ ޑެއިލީ ނިއުސްގައިވާ ގޮތުން ޖަލަށް ލާފައި ވަނީ ޒިދާން އިބްރާހީމް ކިޔާ ދިވެއްސެކެވެ. އޭނާ ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 16ގައެވެ.

ލަންކާގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުން، ޕާޓީ ޑްރަގެއް ކަމަށްވާ އެކްސްޓެސީއާ އެކު އެ ތާރީޚުގައި ދެ ދިވެއްސަކު ހައްޔަރުކުރިއެވެ. އެއީ އޭރު 19 އަހަރާއި 25 އަހަރުގެ ދެ މީހުންނެވެ.

އެ މީހުން ހައްޔަރުކުރީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލާގެ އެޕާޓްމެންޓްތަކެއްގައި ލަންކާގެ ފުލުހުންގެ ސްޕެޝަލް ޓާސް ފޯސް (އެސްޓީއެފް)އިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އެ ދެ މީހުން ހައްޔަރުކުރީ ބަޔަކަށް މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ލަންކާގެ މީޑިއާތަކުގައިވެއެވެ. އެ މީހުންގެ އަތުން އެކްސްޓެސީ 1،925 ގުޅަ ފެނުނު ކަމަށާއި އޭގެ މަގުމަތީ އަގު 10 މިލިއަން ރުޕީސް (478,678 ރުފިޔާ)އަށް އަރާ ކަމަށް އެސްޓީއެފްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އެއީ އެހާތަނަށް އެ ޓާސްކް ފޯސްއިން އަތުލައިގަތް އެބާވަތުގެ އެންމެ ގިނަ މަސްތުވާތަކެތި ކަމަށް ވެސް ލަންކާ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެމީހުން މަސްތުވާތަކެތި އެތެރެކުރަމުން ދިޔައީ ނެދަލޭންޑްސްއިން ކަމަށާއި އެއަށް ފަހު ލަންކާއިން އެހެން ގައުމުތަކަށް ވެސް ފޮނުވަމުން ދިޔަ ކަމަށެވެ.

https://sun.mv/105682

"ސަން" އަށް އެނގިފައިވާގޮތުގައި ސްރީލަންކާގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

comment ކޮމެންޓް