ދިހަ މިލިއަނަށްވުރެން ގިނަ ރުޕީސްގެ ޕާޓީ ޑްރްގްސްއާ އެކު ލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ދެ ދިވެހިން ހައްޔަރުކޮށްފައި ----

ސްރީލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދިހަ މިލިއަނަށްވުރެން ގިނަ ރުޕީސްގެ މަސްތުވާތަކެއްޗާއެކު އެ ގައުމުން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރާ އިން ރިޕޯޓް ކުރި ގޮތުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 25 އަހަރުގެ ދެ ދިވެހީންނެވެ. މި ދެ މީހުންނަކީ ލަންކާގެ ކަލުބޯވިލާ އަދި ދެހިވަލާގެ އެޕާޓްމެންޓްތަކެއް ގައި ދިރިއުޅުމުންދިޔަ ދެ މީހެއް ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ދެ މީހުންގެ އަތުން 1925 ޕާޓީ ޑްރަގްސް ގުޅަ ފެނިފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގު ދިހަ މިލިއަން ރުޕީސްއަށްވުރެ މަތިވާނެ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއީ މިހާތަނަށް ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް އިން އަތުލައިގަތް އެބާވަތުގެ އެންމެ ގިނަ މަސްތުވާތަކެތި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ދެ ދިވެހީން އެ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ނެދަލެންޑުން ކަމަށް ވެސް ލަންކާ ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުން ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ގައުމުން އެެހެން ގައުމުތަކަށް ފޮނުވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސްރީލަންކާގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

comment ކޮމެންޓް