އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އަހުމަދު ރިޒްވާން (ރިޒޭ)ގެ ދެ ގޯލާ އެކު ކްލަބު އީގަލްސް އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި އީގަލްސް އިން ބުރުގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ބުރު ސްޕޯޓްސް އަކީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީމެކެވެ.
އެ މެޗުގައި އީގަލްސްއަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނީ މެޗުގެ 14ވަނަ މިނެޓުގައި ބުރުން ގޯލެއް ޖަހައި ލީޑު ހޯދުމުންނެވެ. ބުރަށް ލިބުނު ކޯނަރަކުން އެ ޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ތަޝްނީމެވެ.
އެ ގޯލަށް ފަހު އީގަލްސް އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ އިރު، ބުރުން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިތުރު ގޯލެއް ނުފެނި، ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބުރު ކުރީގައި އޮވެގެންނެވެ.
އީގަލްސް އިން ވަނީ މެޗުގެ 66ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނިޝާމް މުހައްމަދު ރަޝީދު ދިން ބޯޅައަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބު ކޮށްދިނީ ރިޒޭއެވެ. އަދި، މެޗުގެ 83ވަނަ މިނެޓުގައި އީގަލްސްއަށް ފަހަތުން އަރައި ލީޑު ވެސް ހޯދައިދިނީ ރިޒޭއެވެ.
ލީޑު ލިބުމާ އެކު ވެސް ރަނގަޅު ކުޅުމެއް ދެއްކި އީގަލްސް އިން އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޒައިން ޒަފަރު ދިން ބޯޅައަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ އިރު، މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.