ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން 2024 ގައި ބެލްޖިއަމް ތަރި އެޑެން ހަޒާޑް ކުޅުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ބެލްޖިއަމް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހަޒާޑް ވަނީ ވޯލްޑް ކަޕް 2022 އަށްފަހު ގައުމީ ޓީމަށް ވެސް ކުޅުން ހުއްޓާލައިފައެވެ. ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ބެލްޖިއަމުން ނިންމާލީ ގްރޫޕު ސްޓޭޖުންނެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ރެލެވޯ" އިން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގެ ކްލަބުތައް އަދި އަރަބި ލީގުގެ ކްލަބުތަކުން އުމުރުން 32 އަހަރުގެ ހަޒާޑަށް ހުށަހެޅުންތަކެއް ލިބުނު ކަމުގައިވިޔަސް، 2024 ވަނަ އަހަރު އޭނާ ރިޓަޔާކުރުމަށް ނިންމާފައިވަނީ ރެއާލުންނެވެ. އަދި ހަޒާޑަށް ފުޓުބޯޅައިން ހުރިހާ ކާމިޔާބެއް ލިބިފައިވާކަން އޭނާ ގަބޫލުކުރާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޗެލްސީގައި ވިދާލުމަށްފަހު، 2019 ވަނަ އަހަރު ރެއާލްއާ ގުޅުނު ހަޒާޑަށް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އަނިޔާގެ މައްސަލަތަކެވެ. އެކަމާ ގުޅިގެން ރެއާލްގެ ޖާޒީގައި ހަޒާޑަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާ އިރު، މިސީޒަނުގެ މިހާތަނަށް ވެސް އޭނާ ފެނިގެންދިޔައީ 331 މިނެޓުގައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހަޒާޑާއި ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީއާ ވެސް ގުޅުން ރަނގަޅެއް ނޫނެވެ. ފަހަކަށް އައިސް، ހަޒާޑާއި އެންޗެލޮޓީ ވާހަކަ ނުދައްކާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.