ތިލަމާލެ ބްރިޖް އަޅަން ބަންދުކުރި ކަނޑުއޮޅިން ދަތުރުުކުރާނަމަ ޖޫރިމަނާ ކުރާނަން: މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަސައްކަތް ކުރުމަށް މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާ ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅި ބޭނުންނުކުރަން އަންގައިފައި ވަނިކޮށް އެ ތަނުން އުޅަނދުފަހަރު ދަތުރުކުރާނަމަ ލައިސެންސް ހިފަހައްޓާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކަނޑުއޮޅި މިދިޔަ އަހަރުގެ އޯގަސްޓު މަހު 15އިން ފެށިގެން ބަންދުކޮށްފައިވާކަން އާއްމުކޮށް ވާނީ އަންގާ އިއުލާން ކޮށްފައި ކަމަށެވެ.

"ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން މި ކަނޑުއޮޅި ބޭނުންކުރަމުންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ،" މިނިސްޓްރީގެ އިއުލާނުގައި ވެއެެވެ.

ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންވެ، ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެ މީހެއްގެ ލައިސެންސް މަސްދުވަހަށް ހިފެހެއްޓޭނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ބްރިޖް މަސައްކަތުގައި ވިލިމާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ވިލިމާލޭގެ އެއްގަމުގައި ހަތް ތަނބު ޖަހާއިރު، އޭގެ ތެރެއިން އެއް ތަނބުގެ ޕައިލިން މަސައްކަތް ކުރިއަށް އެބަ ދެއެވެ.

comment ކޮމެންޓް