ބައިޑެން ޗެޓްޖީޕީޓީ ތަޖުރިބާ ކުރައްވައި، އޭއައި ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް -- ފޮޓޯ/ ވައިޓް ހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބައިޑެންގެ އެ ބައްދަލުކުރެއްވުމުގައި ގޫގުލް، މައިކްރޮސޮފްޓް، އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ މަޝްހޫރު އޭއައި ކުންފުނިތަކުގެ ސީއީއޯއިން ބައިވެރިވިއެވެ. މިބައްދަލުކުރެއްވުމުގައި، އޭއައި ޕްރޮޑަކްޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިޑެން ވަނީ އޭއައިގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކުންފުނިތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނަމަވެސް އޭއައިގެ ނުރައްކާތަކާ ބެހޭ ގޮތުން އެތައް އަހަރެއް ވަންދެން އިންޒާރު ދިން ދިރާސާވެރިން އެ ބައްދަލުވުމުގައި ބައިވެރިކޮށްފައި ނުވާތީ، އެމެރިކާ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެ ބައްދަލުވުން އޮތް ދުވަހު، އެމެރިކާގެ މީޑިއާއަކުން ވަނީ ބައިޑެން ޗެޓްޖީޕީޓީ ބޭނުންކުރެއްވި ކަމަށާއި އެ ޗެޓްބޮޓް މަސައްކަތް ކުރާ ގޮތާ މެދު އެ މަނިކުފާނު ވަރަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވެސް ވަނީ، އޭއައި ޗެޓްބޮޓާ ބެހޭ ތަފްސީލީ މައުލޫމާތު ބައިޑެންއަށް އެނގިލައްވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، އޭއައި އަކީ މި ޒަމާނުގެ އެންމެ ބާރުގަދަ އެއް ޓެކްނޮލޮޖީކަން ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް ވެސް ގަބޫލުކުރައްވާ ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.

ފާއިތުވި މަސްތަކުގައި ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައި މޮޑެލްތަކަށް ވަރަށް އަވަހަށް މަގުބޫލުކަން ލިބުމުން، ކުންފުނިތަކުން ވަނީ މިފަދަ އުފެއްދުންތައް އިތުރު ކުރުމަށް އަވަސްވެގަނެފައެވެ.

އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުން ހުރި މަސައްކަތްތަކާ ކުރާ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ބައިޑެން ބައްދަލުކުރެއްވި މީހުންގެ ތެރޭގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި -- ފޮޓޯ/ ގެޓީ

ނަމަވެސް ޕްރައިވެސީގެ މައްސަލަތަކާއި އޭއައިއިން ދޮގު މައުލޫމާތު ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

އެހެންކަމުން، ބައިޑެންގެ ބައްދަލުކުރެއްވުމުގައި ވަނީ އޭއައި ކުންފުނިތަކުން، ސިޔާސަތު އެކުލަވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށާއި ބިނާކުރަނިވި މަޝްވަރާތައް ބޭއްވުމާ ބެހޭ ގޮތުން ވާހަކަދައްކަވާފައި ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ގޫގުލްގެ ސުންދަރު ޕިޗާއީ، މައިކްރޮސޮފްޓްގެ ސަތިޔާ ނަޑެއްލާ، އޯޕަންއޭއައިގެ ސޭމް އޮލްޓްމަން އަދި އެންތްރޮޕިކްގެ ޑާރިއޯ އަމޯޑެއި ހިމެނެއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކަމަލާ ކަމަށްވާއިރު، އެ ބައްދަލުވުމުގެ ކުރު ވީޑިއޯއެއް ބައިޑެންގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވެއެވެ. އެ ވީޑިއޯގައި ބައިޑެން ވަނީ ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

"ތިޔަބޭފުޅުން ކުރާ ކަންކަމަކީ، ވަރަށް ބޮޑެތި ފުރުޞަތުތަކަކާއި، ނުރައްކާ ވެސް އޮތް ކަމެއް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަށް އެކަން ވިސްނޭކަން. އަދި އަޅުގަނޑު އުންމީދު ކުރަން، މުޖުތަމައު ހިމާޔަތްކުރުމަށާއި، ކުރިއެރުވުމަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަންތައްތައް އަޅުގަނޑުމެންނަށް އުނގަންނައިދެއްވާނެ ކަމަށް. މިއީ ހަގީގަތުގައި ވެސް ވަރަށް މުހިންމު ކަމެއް،" އެވީޑިއޯގައި ބައިޑެން ވިދާޅުވެއެވެ.

ބައިޑެންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "އޭއައި ބިލް އޮފް ރައިޓްސް"ގެ ނަމުގައި ގައިޑްލައިންތަކެއް ނެރެފައިވާއިރު، އެ ގައިޑްލައިންގެ މަގްސަދަކީ އޮޓޮމެޓިކް ސިސްޓަމްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އެމެރިކާ މީހުން ސަލާމަތް ކުރުން ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

comment ކޮމެންޓް