ތެލަސީމިއާ ކުއްޖެއްގެ ދަތި ދިރިއުޅުން ކިޔައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިރިހުރުމަށް ޓަކައި މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރަށް ލޭ އަޅަން ޖެހެއެވެ. ލޭ ހޯދުމަށް ޓަކައި އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ.
އެ ހަޔާތުގައި ހުރި ދަތިކަމާއި އުނދަގޫކަން އެނގޭނީ ކޮންމެ މީހަކަށް ވެސް އެ ކަން ތަހައްމަލުކޮށްލަން ޖެހުނީމައެވެ.
ފާއިތުވެދިޔަ ހަތަރު އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ތެލަސީމިއާ ހާލަތު ވަރަށް ސާފެވެ. ތެލަސީމިއާ ކުދިން އުފަންވާވަރު ދަށްވެފައެއް ވެސް ނުވެއެވެ.
ރާއްޖޭގައި މިހާރު ވެސް 940 ރެޖިސްޓާޑް ތެލަސީމިއާ ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 654 ކުދިންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2019ވަނަ އަހަރު 11 ތެލަސީމިއާ ކުދިން ރެޖިސްޓާ ވެފައިވެއެވެ. އޭގެ ޖެހިގެން އައި އަހަރު ފަސް ކުދިންނެވެ. ނަމަވެސް، ފާއިތުވެދިޔަ ގިނަ އަހަރުތަކަކަށް ބަލާއިރު 2021ވަނަ އަހަރު އެ އަދަދު ވަނީ މަތިވެފައެވެ. ޖުމުލަ 22 ކުއްޖަކު ތެލަސީމިއާ ކުދިންގެ ގޮތުގައި އެ އަހަރު ރަޖިސްޓާ ވެފައިވެއެވެ. މިދިޔަ އަހަރު ވެސް 16 ކުއްޖަކު ރެޖިސްޓާވެފައިވެއެވެ.
އެކަމަކު، ތެލަސީމިއާ ކުދިން ލިބެނީ ކިހިނެއްކަން ނޭނގޭ މީހަކު މި މުޖުތަމައުގައި އުޅޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ. މާނައަކީ ތެލަސީމިއާ ކުދިން އުފަންވަނީ އެނގިތިބެ ކަމެވެ.
ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ސަމާލުވޭ!
ދުނިޔޭގެ ނިސްބަތުން ތެލަސީމިއާގެ ހާލަތު އެންމެ ނާޒުކު އެއް ގައުމަކީ ރާއްޖެއެވެ. އާބާދީގެ ނިސްބަތުން ތެލަސީމިއާ ކެރިއަރުން ވެސް އެންމެ ގިނަ އެއް ގައުމަކީ ވެސް މިއެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ވާ ގޮތުން ދިވެހި ކޮންމެ ކުއްޖެއް އުމުރުން 18 އަހަަރުވުމުގެ ކުރިން ތެލަސީމިއާ ޓެސްޓު ހަަދައި އެ ޓެސްޓުގެ ނަތީޖާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވި ގޮތުގައި ކުއްޖާގެ ޒަވާޖީ ހަޔާތް ބިނާކުރަން މައިންބަފައިން ނަސޭހަތްތެރިވާއިރު، އެ ނަސޭހަތުގެ ތެރޭގައި މި ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އެ ކުއްޖާއަކީ ކެރިއަރަކަށް ވާނަމަ އޭނާ ގުޅުން ރަނގަޅީ ކޮންކަހަލަ ކުއްޖަކާކަން އަންގައިދޭން ޖެހެއެވެ.
"ތެލަސީމިއާ ޓެސްޓަކީ ކައިވެނިކުރަން ފޯމު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުމަކަށް ވާތީ ކުރާ ކަމެއްގެ ގޮތުގައި ކޮށްގެން މި ކަމެއް ނުވާނެ،" އުމަރު ވިދާޅުވިއެވެ.
ޒަވާޖީ ހަޔާތެއް ފަށާއިރު ދެ ކެރިއަރުންނަށް ވިޔަސް ބައެއް މީހުން ދެކެނީ އެއީ މާ ބޮޑުކަމެއް ނޫން ކަމަށެވެ. ތެލަސީމިއާ ކުއްޖެއް ލިބުމަށްވުރެ ފުރުސަތު ބޮޑީ ތެލަސީމިއާ ނޫން ކުއްޖެއް ލިބުމުގެ ފުރުސަތު ކަމަށެވެ.
ހަގީގަތަަކީ ވެސް އެއީއެވެ. ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު އޮތް ދެ ކެރިއަރަކު ކައިވެނިކުރާއިރު ލިބޭ ކުއްޖާ ތެލަސީމިއާ ކުއްޖަކަށްވުމުގެ އޮންނަނީ 25 އިންސައްތައެވެ. އަނެއް 75 އިންސައްތަ ފުރުސަތަކީ ތެލަސީމިއާ ކުއްޖެއް ނުލިބުމުގެ ފުރުސަތެވެ.
"އެކަމަކު އެ 25 އިންސައްތަ ފުރުސަތު އަންނާނީ ކޮން ފަހަރަކު ކިހިނެއްކަމެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެ،" އުމަރު ވިދާޅުވިއެވެ.
އެހެންވެ، ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން މި ކަމަށް ވިސްނާ ރައްކާތެރިވާން ޖެހެއެވެ. ދެ ތެލަސީމިއާ ކެރިއަރުންނަމަ ޒަވާޖީ ގުޅުމަކަށް ދާއިރު ދެވަނަ ފަހަރަށް ވިސްނާލަން ޖެހެއެވެ.
އެނގިތިބެ ދަރިންނަށް ވޭނީ ހަޔާތެއް!
މިއަދުގެ ހާލަތަށް ބަލާލާއިރު، ތެލަސީމިއާ ކުދިންގެ ގޮތުގައި އުފަންވާ ހުރިހާ ކުދިންނަކީ ވެސް އެ ކުދިންގެ މައިންބަފައިން ޒަވާޖީ ހަޔާތެއް ފަށާއިރު އެ މީހުންނަކީ ދެ ކެރިއަރުންކަން އެނގިތިބެ ލިބިފައި ހުރި ތެލަސީމިއާ ކުދިންނެވެ.
"މާނައަކީ މިހާރު ރާއްޖޭގައި ތެލަސީމިއާ ކުއްޖެއް މި އުފަންވަނީ އެނތިބެއޭ. ނޭނގުމެއްގެ ތެރޭގައި އުފަންވާ ކުދިންނޭ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ކަން ކުޑަކުރުމަށް ޓަކައި މިހާރު ތެލަސީމިއާ ސެންޓަރުން ފެމިލީ ކޯޓުގައި ދެ ކެރިއަރުން ކައިވެނިކުރާނަމަ ހޭލުންތެރިކުރުމުގެ ސެޝަނެއް ނަގައިދޭ ކަމަށެވެ. އެ ސެޝަނުގައި އެ ދެ މީހުންނާއި އާއިލާ ވެސް ބައިވެރިކުރެއެވެެ.
އެ ސެޝަނުގައި އަލިއަޅުވައިލަނީ ތެލަސީމިއާ ކުއްޖަކު ލިބުމުގެ ފުުރުސަތު އޮތް މިންވަރާއި އެ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކަށެވެ.
ކައިވެންޏަށްފަހު ވެސް ތެލަސީމިއާ ކުއްޖަކު ލިބުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާތޯ ބަލައި އެ ކަންކަމަށް ސަމާލުވާން ޖެހެއެވެ.
ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. އެކަމަކު މިއިން ކޮންމެ ކަމަކީ ވެސް ވަރަށް ގިނަ ލިމިޓޭޝަންތަކެއް ހުރި ކަންކަމެވެ.
މާބަނޑު ދުވަސްވަރު ކުއްޖާއަކީ ތެލަސީމިއާ ކުއްޖެއްތޯ ނުވަތަ ނޫންތޯ ބަލަން ހެދޭ ޓެސްޓު ވެސް ހަދަން ޖެހެނީ ވަކި މުއްދަތެއްގެ ތެރޭގައެވެ. އެ މުއްދަތު ފާއިތުވެއްޖެ ނަމަ ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
"ޕްރިނޭޓެޑް ޑައިގްނޯސިސް ޓެސްޓަކީ އަދި ދިވެހިރާއްޖޭގައި ކުރެވެން ހުރި ކަމެއް ނޫން. އެހެންވީމަ ރާއްޖޭން ބޭރަށް މި ދާން ޖެހެނީ. އޭގައި އެބަ އާދޭ މާލީ ގޮތުން ވެސް ގޮންޖެހުންތަކެއް،" އުމަރު ވިދާޅުވިއެވެ.
އެހެންވެ، އެންމެ ރަނގަޅު ގޮތަކީ ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުުރުސަތު އެއްވެސް ގޮތަކަށް ނޯންނާނޭ ގޮތަށް އަމަލުކުރުމެވެ. އެެއީ ޒަވާޖީ ހަޔާތަކަށް ވިސްނުމުގެ ކުރިން އެ ކަމާ މެދު ސަމާލުވުމެވެ.
ސަމާލުނުވަނީ އެ ކުދިންގެ ދިރިއުޅުން ނޭނގޭތީ!
ތެލަސީމިއާ ކުދިން ލިބޭ ގޮތް އެންމެންނަށް ވެސް އެނގެއެވެ. އެ ކުދިންނަކީ ދިރިހުރުމަށް ޓަކައި ކޮންމެ 14 ދުވަހަކުން ނުވަތަ 20 ދުވަހަކުން ލޭ ބޭނުންވާ ބައެއް ކަން އެނގެއެވެ.
އެހެން ނަމަވެސް، އުމަރު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ވިސްނައިނުލަނީ ތެލަސީމިއާ ކުއްޖަކު ދުނިޔެއަށް އުފަންވެ، އެ ކުއްޖާގެ ދިރިއުޅުން ބައްޓަންވާނެ ގޮތެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު އޮތް ގަބޫލުކުުރުމަކީ ތެލަސީމިއާ ކުއްޖަކު އުފަންވެގެން މައްސަލައެއް ނެތްކަމަށެވެ. އޭގައި ގިނަ ބަޔަކު ދައްކާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ތެލަސީމިއާ ކުދިންގެ ތެރޭގައި ވެސް މޮޅަށް ކިޔަވައިގެން އެކި ދާއިރާތަކުން ކާމިޔާބީ ހޯދައިފައިވާ މީހުން ތިބުމެވެ. އެ މީހުންނަކީ ވެސް މިއަދު މުޖުތަމައު ބަަލައިގަންނަ ބަޔަކަށް ވުމެވެ. އެ މީހުންނަށް ވެސް ވާނޭކަން ސާބިތުކޮށްދީފައި ވުމެވެ.
"[އާއްމު ކުއްޖަކަށްވުރެ] ހަގީގަތުގައި ތެލަސީމިއާ ކުއްޖަކު ރަނގަޅު ތައުލީމެއް ހާސިލުކޮށްގެން މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރަން ނުކުތުމަށް ކުރަން ޖެހޭ މަސައްކަތް ހާސްބައި ތަފާތު،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތެލަސީމިއާ ކުއްޖެއްގެ މުޅި ދިރިއުޅުން ބައްޓަންވަނީ އެ ކުއްޖާގެ ފަރުވާއަށް ކަމަށެވެ. ކޮންމެ ދުވަހަކު ވެސް، ކުއްޖާގެ މާދަމާއާމެދު ވިސްނަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
"ހަމައެކަނި އެ މީހުންގެ ސަކްސެސް ނުދެކޭށޭ. އެ މީހުންގެ ސްޓްރަގަލްއެއް ވެސް އެބައޮތޭ. އެ ސްޓްރަގަލްއާއެކު ތޯ ތިމާގެ ދަރި އުޅެން ބޭނުމީ. އެއީ އަސްލު ވިސްނާލަން ޖެހޭ ކަމަކީ،" އުމަރު ވިދާޅުވިއެވެ.
ތެލަސީމިއާ ކުއްޖެއްގެ ފަރުވާ ފެށެނީ ލެޔާ ހިސާބުންނެވެ. އެކަމަކު އެއީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި އެންމެ ފަހަރަކު ލޭ ހޯދަން ވިޔަސް ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރަ ކަަމަށެވެ. އަމުދުން، ގަވާއިދުން މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ލޭ ހޯދަން ޖެހުމަކީ ބޮޑު ތަކުލީފެކެވެ.
"މަހަކު ހަތަރު ޑޯނަރުން ހޯދަން ޖެހޭ. މުޅި މަސް ދުވަސް ހޭދަކުރަން ޖެހެނީ ޑޯނަރުން ހޯދުމުގައި. މުޅި ދިރިއުޅުން މި ހޭދަވަނީ ޑޯނަރުން ހޯދުމުގައި،" އުމަރު ވިދާޅުވިއެވެ.
ތެލަސީމިއާ ކުއްޖެއްގެ ދިރިއުޅުން އެނގޭ ބަޔަކު އެ ބައެއްގެ އަމިއްލަ ދަރިފުޅު އެ ވޭނަށް ވައްޓާލަން ބޭނުމެއް ނުވާނެއެވެ. އެ ފަދަ ދަތިތަކެއް ތަހައްމަލުކުރާތަން ދެކޭކަށް ވެސް ބޭނުމެއް ނުވާނެއެވެ.
ފަރުވާއަށް ފަރުވާކުޑަ ނުކުރޭ!
މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެކަށީގެންވާ ގޮތަކަށް ތެލަސީމިއާ ކުދިންގެ ފަރުވާ ރާއްޖޭގައި އެބަ ކުރިއަށް ދެއެވެ.
އެ ކުދިންގެ މައިގަނޑު ފަރުވާއަކީ ލޭ އެޅުމާއި ލޭ އެޅުމުގެ ސަބަބުން ދިމާވާ ދަގަނޑުގެ ބައި ދަށްކުރުމެވެ.
އުމަރު ވިދާޅުވީ މި ދެކަމަށް ބަލާލާއިރު ލޭ އެޅުމަށް ގިނަ މީހުން ވަރަށް ފަރުވާތެރިވާ ކަމަށެވެ. ސަބަބަކީ ލޭ ދަށްވުމުގެ ސަބަބުން ފެންނަ އަލާމަތްތަކަކީ ވަރަށް ފަސޭހައިން ކުއްޖާގެ ކިބައިން ފެންނާނެ އަލާމާތްތަކަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި ގާތްގަނޑަކަށް 95 ޕަސެންޓު ޕޭޝަންޓުން ލޭ އެޅުމަށް ވަރަށް ފަރުވާތެރިވާނެ. ހަމަ ގަވާއިދުން ލޭ އަޅަން އަންނާނެ،" އުމަރު ވިދާޅުވިއެވެ.
"އެކަމަކު ދަގަނޑުގެ ބައި ދަށްކުރުމަށް ކުރަންޖެހޭ މަސައްކަތް، ދަގަނޑުގެ ބައި ދަށްކުރުމަށް ބޭނުންކުރަން ޖެހޭ ބޭހާއި އިންޖެކްޝަން ބޭނުންކުރުމުގައި ފަރުވާ ކުޑަކުރެވެނީ،"
އޭގެ ސަބަބަކީ ދަގަނޑުގެ ބައި މަތިވެގެން ކުއްޖާގެ ގައިން ފެންނަ އަލާމާތްތަކަކީ ކުއްލިއަކަށް ފެންނަ އަލާމާތްތަކަކަށް ނުވުމެވެ. ކުއްލިއަކަށް ދިރިއުޅުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަންކަމަށް ނުވުމެވެ.
އުމަރު ވިދާޅުވި ގޮތުގައި މި އަލާމާތްތައް ފެންނަނީ ކުއްޖާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ޖަމާވެ ގުނަވަންތައް ހަލާކުވާ ހިސާބުންނެވެ.
"ދަގަނޑުގެ ބައި ދަށްކުރަން ބޭސްބޭނުންނުކޮށް ދޫކޮށްލާ ކޮންމެ ދުވަހަކީ ކުއްޖާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރަށް ޖަމާވެ ގުނަވަންތަކަށް ގެއްލުންވާން ލިބޭ ފުރުސަތެއް،" އުމަރު ވިދާޅުވިއެވެ.
މި ދެ ކަމަށް ބޭނުންވާ ފަރުވާާ ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ފަރުވާއަށް ރައްކާތެރިވެ ފަރުވާ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ކުއްޖާގެ ސިއްހަތަށް އިތުރު މައްސަަލަތައް ކުރިމަތިވެދާނެކަމުގެ ބިރު އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ފަރުވާއަށް ފަރުވާކުޑަކުރުމަކީ އެ ކުދިންގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، 2019 ވަނަ އަހަރު ތެލަސީމިއާގެ 14 ކުއްޖަކު މަރުވިއެވެ. އޭގެ ޖެހިގެން އައި 2020 ވަނަ އަހަރު ފަސް ކުދިން މަރުވި އިރު، 2021ވަނަ އަހަރު އަށް ކުދިން މަރުވިއެވެ. އަދި ނިމިދިޔަ އަހަރު ހަތް ކުދިން މަރުވިއެވެ.
ތެލަސީމިއާ ކުދިން ވަރަށް ޒުވާން އުމުރުގައި ވެސް މަރުވާއިރު، ފަރުވާއަށް ފަރުވާކުޑަކުރެވިގެން ވެސް އެފަދަ ހިތާމަވެރި ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. އެހެންވެ، ފަރުވާއަށް އިތުރަށް ރައްކާތެރިވެ ފަރުވާތެރިވާން ޖެހެއެވެ.
ދުނިޔޭގައި އެންމެ ބޮޑަށް ތެލަސީމިއާ ކޮންޓްރޯލްކޮށްފައިވާ ގައުމަކީ ސައިޕްރަސްއެވެ. އެ ގައުމު ނޫނަސް، ތަހުޒީބުވެފައިވާ ގައުމުތަކުގައި ތެލަސީމިއާ ކޮންޓްރޯލްކުރަން ބޭނުންކުރަނީ ފަސް ގޮތެކެވެ.
އެއީ އާއްމުން ހޭލުންތެރިކުރުވުމާއި ތެލަސީމިއާ ޓެސްޓުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ޖެނެޓިކް ކައުންސެލިން ފޯރުކޮށްދިނުމާއި ކައިވެނީގެ ކުރިން ކައުންސެލިން ދިނުމާއި ކައިވެންޏަށްފަހު ތެލަސީމިއާ ކުއްޖަކު ލިބުން ކުޑަކުރުމަށް މަސައްކަތްކުރުމެވެ.
އެ ކަންކަމުގެ ތެރެއިން ގިނަ ކަންކަން ރާއްޖޭގައި އެބަ ކުރެވެއެވެ. އާއްމުން ހޭލުންތެރިކުރުވަން އެތައް މަސައްކަތްތަކެއް ކުރެވެއެވެ. އެކަމަކު، މި ކަމުގައި ފަރުދީ ޒިންމާ ވަރަށް ބޮޑެވެ.
ތެލަސީމިއާ ކުދިންގެ ތެރޭގައި ކާމިޔާބު ކުދިން އެބަ އުޅެއެވެ. ހުނަރުވެރިން ވެސް އެބައުޅެއެވެ. އެއީ ހިތްވަރުގަދަ ބައެކެވެ. އެކަމަކު، މިއަދު ވެސް ރާއްޖޭގެ މުޖުތަމައުގައި އެ މީހުން ބަަލައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ސްކޫލްތަކުގައި ވެސް ތެލަސީމިއާ ކުދިންނަށް ތަފާތުކުރުން އޮވެއެވެ. ވަޒީފާއަށް ނުކުންނައިރު ވެސް ތެލަސީމިއާ ކުއްޖަކަށް ވީތީ ވަޒީފާ ދިނުމަށް ދެކޮޅު ހަދައެވެ.
ތެލަސީމިއާ ކުދިން ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން އުފަންވީ ނޭނގި ތިބެއެވެ. އޭރަކު ޓެސްޓު ކުރެވޭނެ ގޮތެއް ނެތެވެ. އެކަމަކު، މިއަދު ތަފާތެވެ.
ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން މި ކަންކަން ކުރަން ޖެހެއެވެ. ލޯބީގެ ގޮތުން މީހަކާ ގުޅުމުގެ ކުރިން ވެސް މި ކަންކަން އެނގި ސަމާލުވާން ޖެހެއެވެ. ނޫންނަމަ، ފަހު ވަގުތު އެނގުމުން ކައިވެނި ރޫޅާލަން ބޭނުމެއް ނުވެއެވެ. ދުރު ވާކަށް ބޭނުމެއް ނުވެއެވެ.
އޭގެ ނަތީޖާއަކީ ތެލަސީމިއާ ކުދިން އުފަންވާ އަދަދު ގިނަވުމެވެ. އެކަމަކު، އޭގެ ސަބަބުން އަމިއްލަ ދަރިފުޅު އެ ހުށަހަޅައިދެނީ ތެލަސީމިއާގެ ވޭނަށް ކަމެއް އެ މީހުންނަކަށް ނޭނގެއެވެ.
"ތެލަސީމިއާ ކުއްޖެއްގެ ދިރިއުޅުން ބައްޓަން ވެގެންދާ ގޮތް ސިފަވެއްޖެ މީހަކު އަޅުގަނޑު ގަބޫލެއް ނުކުރަން އޭނާގެ ދަރިއަކު އެ ދިރިއުޅުމަށް ހުށަހަޅާލަން ބޭނުންވާނެއެކޭ،" ޑރ. އުމަރު ވިދާޅުވިއެވެ.
އެއްވެސް މަޔަކު ނުވަތަ ބަފަޔަކު އެ ބައެއްގެ ދަރިންގެ ގައިގައި ވޭން އަޅާ މަންޒަރު ބަލާކަށް ބޭނުމެއް ނުވާނެއެވެ. ދަތި ހާލުގައި ވާ ތަން ބަލަން ބޭނުމެއް ނުވާނެއެވެ.
ތެލަސީމިއާ ރާއްޖޭގައި ކޮންޓްރޯލްކޮށް، މި ވޭނުން ޖީލުތައް ސަލާމަތްކުރުމަށް އަދިވެސް ފަރުދީ ޒިންމާ ނަގަން ޖެހެއެވެ. ނޫންނަމަ، ތެލަސީމިއާގެ ވޭނުގައި އެތައް ކުދިންނެއްގެ ދިރިއުޅުން ހޭދަކުރަން ޖެހިދާނެއެވެ.