ދަރިވަރުންގެ ދިވެހި: ވޯލްޑްކަޕްގެ މައުލޫމާތާއެކު ދިވެހި ދަސްކުރެވޭނެ ފޮތެއް

ވޯލްޑްކަޕާ ގުޅުވައި ނެރުނު ދިވެހި ފޮތް --

ވޯލްޑްކަޕްގެ މައުލޫމާތު ހިމެނޭހެން ދަރިވަރުންނަށް ދިވެހިބަހުގެ ފޮތެއް ނެރެފިއެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަންވަރު އިބްރާހިމްގެ އިސްނެންގެވުމާއެކު ތައްޔާރުކުރެއްވި ފޮތެކެވެ.

ފޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން އަންވަރު ވިދާޅުވީ އެންމެ ފުރަތަމަ ޚިޔާލަކީ ވޯލްޑްކަޕަަށް ދަރިވަރުންނަށް ގައިޑެއް ނެރުން ކަމަށެވެ. ނަމަވެސް ވޯލްޑް ކަޕް ނިމުނުއިރު ވެސް އެ ކަން ނިންމާ ނުލެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ވިސްނީ ވޯލްޑް ކަޕް ނިންމާފަ ހުރިހާ މައުލޫމާތެއް ލައިފައި ނެރެން. އެކަމަކު ގައިޑަކަށް އޭރުން ނުވާނެތާ. އެހެންވީމަ ދަރިވަރުންގެ ދިވެހި ފޮތަކަށް ހެދީ،" އަންވަރު ވިދާޅުވިއެވެ.

ވޯލްޑްކަޕްގެ މައުލޫމާތުގެ ތެރެއިން ދަރިވަރުންގެ މައުލޫމާތު މި ފޮތުގައި ހިމަނައިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މުގައްރަރުގައި އޮންނާނެ ލިޔުމުގެ ވައްތަރުތައް. މިސާލަކަށް އެއްކޮޅަށް ވާހަކަ ދައްކާ ލިޔުން، ދެކޮޅަށް ވާހަކަ ދައްކާ ލިޔުން، އޮޅުންފިލުވައިދޭ ލިޔުން. މި ހުރިހާ ވައްތަރެއްގެ ލިޔުން ހުންނާނެ،" އަންވަރު ވިދާޅުވިއެވެ.

ދޮޅުމަސް ދުވަހެެއްހާ ދުވަހުން ނިންމާލި މި މަސައްކަތުގައި އަންވަރުއާއެކު ބައިވެރިވީ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީންއެވެ. އަދި ޓީޗަރުންގެ އެހީތެރިކަން ވެސް ހޯދައިފައިވާނެކަމަށް އަންވަރު ވިދާޅުވިއެވެ. އަދި ފޮތް ޗާޕުކުރުމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އެހީތެރިވެދެެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ކިޔުންތެރިކަމަށް ގިނަ ކުދިންގެ ޝައުގުވެރިކަން ނުހުންނަ ކަމަށެވެ. ނަމަވެސް ކުޅިވަރަށް ހުންނަ ޝައުގުވެރިކަމާއެކު މި ފޮތް ކިޔަން ކުދިން ޝައުގުވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޅިވަރުގެ ކަންކަމާ ގުޅުވާލީމަ އިތުރަށް ޝައުގުވެރިވެ ކިޔާހިތްވާނެ ކަމަށް ބަލާފަ،" އަންވަރު ވިދާޅުވިއެވެ.

މީގެ ދެ ހަފުތާ ކުރިން ފޮތް ނެރިފައިވާއިރު މި ފޮތް ލިބޭނީ އަސްރަފީ ބުކްޝޮޕުންނާއި އެމްސެވަންއިންނެވެ.

comment ކޮމެންޓް