މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފުތިތާހުކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމީ ޖަލްސާއެއްގައި، 2026 ވަނަ އަހަރުން 2030 ވަނަ އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވީ، ޗާންސެލަރު ޑރ. މުހައްމަދު ޝައުގީ އާއި ވައިސް ޗާންސެލަރު ޑރ. ޢައިޝަތު ޝެހެނާޒްއެވެ.
މި ޕްލޭނަކީ، ކިޔަވައިދިނުމާއި ދަސްކުރުމާއި، ދިރާސާ އާއި އީޖާދީ މަސައްކަތްތަކާއި، އިދާރީ ހިންގުމާއި، ދަރިވަރުން ބާރުވެރިކުރުމާއި ފުރިހަމަ ނަތީޖާ ނެރުމަަށާއި، މުޖުތަމަޢާ ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، މުއައްސަސާގެ އެހެނިހެން މުހިންމު ކަންކަމުގައި ކުރިއެރުން ހޯދުމަށް ފުޅާ ދާއިރާއެއްގައި މަގުދައްކާނެ އޮނިގަނޑެއް ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހު ކުރުން -- ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫއިން ބުނީ މި ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައިވަނީ މުހިންމު ހުރިހާ ފަރާތްތަކަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ޚިޔާލު ހޯދައިގެން ކަމަށެވެ. އަދި މި ޕްލޭނުން ދައްކުވައިދެނީ، ރާއްޖޭގައި އިސްކޮށް، މަތީ ތަޢުލީމުދޭ މުއައްސަސާގެ ހައިސިއްޔަތުން އެމްއެންޔޫގެ ދައުރު ފުޅާވަމުން އަންނަ ގޮތް ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
މި ސްޓްރެޓީޖިކް ޕްލޭންގެ މައިގަނޑު އަސާސަކީ، ތަޢުލީމީ ފެންވަރު މަތިކުރުމާއި، ދިރާސާ އަދި އީޖާދީ މަސައްކަތްތައް ހަރުދަނާ ކުރުމާއި، މަތީ ތަޢުލީމުގައި ދިވެހިވަންތަކަން ހިފަހައްޓައި ދިވެހި އައިޑެންޓިޓީ ހަރުދަނާ ކުރުން ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.
މީގެ އިތުރުން އެ ޔުނިވާސިޓީން ބުނީ، މީގެ ކުރިން އޮތް ސްޓްރެޓީޖިކް ޕްލޭން 2020–2025ގެ ދަށުން، އެމްއެންޔޫއިން ވަނީ އިދާރީ ހިންގުމާއި ކޮލިޓީ އެޝުއަރެންސް އިތުރަށް ހަރުދަނާކޮށްފައި ކަަމަށެވެ. އަދި، މުޅި ރާއްޖެއަށް މަތީ ތައުލީމު ފޯރުކޮށްދިނުން ފުޅާކޮށް، ދިރާސާތަކާއި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތައް އެތައް ގުނައަކަށް ކުރިއެރުވުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އެ ސްޓްރެޓެޖީގެ ދަށުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 16 އައު ޕީއެޗްޑީ ޕްރޮގްރާމް ތައާރަފުކުރުމާއި، އެގްރިކަލްޗާ، ފިޝަރީޒް، އަދި ސެކިއުރިޓީ ސްޓަޑީޒް ފަދަ އައު ފެކަލްޓީތައް އުފެއްދުމާއި، އީޖާދީ ޚިޔާލުތަކާއި ސިނާއީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެމްއެންޔޫ އިނޮވޭޓް ހަބް ފަދަ މަޝްރޫޢުތައް ފެށުން ހިމެނޭ ކަމަށް އެމްއެންޔޫން ބުނެފައިވެއެވެ.