ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މިސްކް

ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރާ، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އިނާމް ހަވާލުކޮށްދެއްވަނީ--- ސަން ފޮޓޯ/ ހުސައިން ނާއިލް

ހިރިޔާ ސްކޫލުގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޢާއިޝަތު މިސްކް ބިންތި ޢަބްދުﷲ ހަސީން ހޯދައިފިއެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި އެ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައެވެ.

އެންމެ މޮޅު ދަރިވަރަކަށް މިސްކް ހޯދިއިރު އޭނާ ވަނީ އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިހާނުގެ ހުރިހާ މައްދާއަކުން ފާސްވެ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.

މިސްކް އަކީ މިދިޔަ އަހަރު ހިރިޔާ ސްކޫލުގެ ވައިސް ކެޕްޓަނެވެ. ހިރިޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މިސްކް ހޮވުމާ ގުޅިގެން އެ ދަރިވަރަށް ސްކޫލްގެ ފަރާތުން ދޭ ހިރިޔާ ސްކޫލްގެ އެންމެ ފުރަތަމަ ޕްރިންސިޕަލް މަރުހޫމް އަލީ ނާޒިމްގެ ހަނދާނުގައި ދޭ ހާއްސަ އެވޯޑް ދަރިވަރަށް ހަވާލުކޮށްދެއްވީ، އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ރިންޒީ އިބްރާހިމް ވަހީދެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި އިތުރު އިނާމްތަކާއި ހަނދާނީލިޔުން ދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމެވެ.

ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކީ އަހުމަދު އަކްމަލް އަސްލަމެވެ. މި ދަރިވަރު ވަނީ އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިހާނުގެ ހުރިހާ މައްދާއަކުން ފާސްވެ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.

ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ތިންވަނަ ދަރިވަރަކީ އަހުމަދު އަލާއު އިސްމާއީލެވެ. މި ދަރިވަރު ވަނީ އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިހާނުގެ ހުރިހާ މައްދާއަކުން ފާސްވެ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ.

ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

އެ ޖަލްސާގައި ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދަރިވަރުންނަށް ނަފްސާނީގޮތުން ކުރި އަސަރުތައް ކުޑަކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށެވެ. މިގޮތުން މިދިޔަ އަހަރު ދަރިވަރުންނަށް ތައުލީމީގޮތުން ލިބުނު ކުރިއެރުން ރިންޒީ ފާހަގަކުރިއެވެ.

ރިންޒީ ވިދާޅުވީ ދަރިވަރުންނަކީ ހަމައެކަނި ފޮތުން ކިޔަވާ ބައެއްކަމުގައި ނުވެ، ގޭތެރޭގެ މާހައުލުގައިވެސް އުޅެންއެނގޭ ބައެއްކަމުގައި ވާންޖެހޭކަމަށެވެ.

މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދި މިސްކް ބުނީ މިއީ މައިންބަފައިންގެ ބަސް އަހައިގެން ކިޔެވުމަށް ދިން އަހަމިއްޔަތުގެ ނަތީޖާކަމަށެވެ. މިގޮތުން ކިޔެވުމަށް ކުރާ މަސައްކަތާ އެއްވަރަށް ދުއާ އަކީވެސް ވަރުގަދަ ހަތިޔާރެއްކަން މިސްކް ފާހަގަކުރިއެވެ.

ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ހިރިޔާ ސްކޫލަކީ ސެކަންޑަރީ ތައުލީމް ދިނުމުގެ މަޤްސަދުގައި ސަރުކާރުން 2009 ވަނަ އަހަރު އުފެއްދެވި ސްކޫލެކެވެ. އެ ސްކޫލުގައި މިހާރު 1،300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެއެވެ.

comment ކޮމެންޓް