ގުދުރަތީ މަންޒަރުތަކުންނާއި އުފެއްދުންތަކުން ދަރިވަރުން އިބުރަތް ލިބިގަންނަންޖެހޭ: ޑރ. އަޝްރަފް

ހިރިޔާ ސްކޫލްގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ހުސައިން ނާއިލް

ގުދުރަތީ މަންޒަރުތަކުންނާއި، އުފެއްދުންތަކުން އިބުރަތް ލިބިގަނެ އޭގެ މައްޗަށް ބިނާކޮށް މިއަދު ދަރިވަރުން ތަމްރީނުވާން ޖެހޭކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ހިރިޔާ ސްކޫލްގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ދަރިވަރުންނާ މުޚާތަބުކުރައްވަމުން ޑރ. އަޝްރަފް ވަނީ ގުދުރަތުގެ މިސާލެއްގެ ގޮތުން ދަރިވަރުންގެ ކުރިމައްޗަށް ބާޒެއް ދޫކޮށްލައްވައި އެކަމުން އިބުރަތް ހާސިލްކުރަންވީ ބައެއް ސިފަތައް ވިދާޅުވެ ދެއްވާފައެވެ.

ކޮންމެ އިންސާނަކީވެސް އޭނާގެ ހަޔާތުގައި އަބަދު ކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ މީހެއް ނޫނެވެ. ބައެއް ދަނޑިވަޅުތަކުގައި ތިމާއަށް ދަތި އުނދަގޫ އަދި ނާކާމިޔާބީގެ ހާލަތްތަކާއި ކުރިމަތިލާންޖެހި ހިތްދަތި ވަގުތުތަކާއި ކުރިމަތިލާން ޖެހޭ ވަގުތުތައް އަންނާނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ބާޒުގެ ހަޔާތުން އިބުރަތް ހާސިލްކުރެވިދާނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ހިރިޔާ ސްކޫލްގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ހޯދުންތަކުން ދައްކާގޮތުގައި ބާޒަކީ އޭގެ އުމުރުން 40 އަހަރުވުމުން ތުންގަނޑުގައިވާ ޝިކާރަކުރުމުގެ ގާބިލުކަން ނެތިދާ ދޫންޏެކެވެ. އެގޮތަށް ވުމުން އެސޮރުގެ ތުންގަނޑުން ބިންމަތީގައިވާ ހިލަތަކުގައި ތަޅައި އެއްކޮށް ލުހެލައެވެ.

ތުންގަނޑު ލުހެލުމާއެކު އައު ތުންގަނޑެއް ފަޅައި އިތުރު 30 އަހަރު ވަންދެން އެއަށް ޝިކާރަކޮށްގެން ކައިބޮއިގެން އުޅުމުގެ ފުރުސަތު އަލުން ލިބޭކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ މިކަމުން ދަސްކުރަންވީ ކަމަކީ ތިމާއަށް ދަތި އުނދަގޫ ވަގުތު އަންނާނޭ ކަމާއި މައިންބަފައިންނަށްވެސް ދަތި އުނދަގޫ ހާލަތްތައް އަންނާނެކަން ކަމަށެވެ. ކުރިމަތިވާ މިފަދަ ހާލަތްތަކުގައި ކަންކުރާންއޮތް އެންމެ ރަނގަޅު ގޮތަކީ ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލައިގެން ކުރިއަށްދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮވިޑް ހާލަތުގައި ޓީޗަރުންނާއި، ސްކޫލްތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި ތިޔަ ބެލެނިވެރިންނާއި ލޯބިވާ ދަރިވަރުން ހަމަ އެ ނަމޫނާ. އަޅުގަނޑުމެން ހިތްވަރުކުރީ. އަޅުގަނޑުމެން މަސައްކަތް ކުރީ. ކްލާހަށް ނާދެވުނީމައި އިންޓަނެޓް ބޭނުންކޮށްގެން ކުރިއަށްދިޔައީ. އޭގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން މި ދެކޭ ކާމިޔާބު ދުވަސްތައް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ހިރިޔާ ސްކޫލްގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ގުދުރަތުގެ ކޮންމެ ދިރުމަކުން މިފަދަ އެތަކެއް ފިލާވަޅުތައް އަޅުގަނޑުމެންނަށް ބުނެދޭކަން ފާހަގަކުރައްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވަނީ ދުނިޔޭގެ ތާރީޚުންވެސް ބައެއް މިސާލުތައް ވިދާޅުވެދެއްވާފައެވެ.

"ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ލެބޯޓަރީއެއްގައި 999 ފަހަރަށް ތަޖުރިބާކުރިކަމަށް ވަނީ އަޅުގަނޑުމެން މި ދިއްލުމަށް ބޭނުންކުރާ ބޮކި އުފެއްދުމަށް. 999 ފަހަރު ނާކާމިޔާބު. 1000 ވަނަ ފަހަރު ކާމިޔާބު. އެހެންވީމައި މިއީ ދަރިވަރުން ދަސްކުރަންވީ ފިލާވަޅަކީ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދަރިވަރުންނާ މުޚާތަބު ކުރައްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ، ތައުލީމީހަޔާތް މިހާހިސާބުން އަދި ނިމުނީ ނޫންކަމަށާއި، އަދި އެ ކުދިންނަށް އަދި އެ ގިރާކުރެވުނީ ތައުލީމީ ހަޔާތުގެ ފުރަތަމަ އޮޅިކަމަށެވެ.

ހިރިޔާ ސްކޫލްގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ ހުސައިން ނާއިލް

ތައުލީމީ ހަޔާތުގައި އުނދަގޫ ބުރަ ދުވަސްތައް ކުރިއަށް އަދި އޮތީކަމަށާއި، މިގޮތުން ކޮލެޖް، ޔުނިވާސިޓީގައި ދިމާވާނެ ގޮންޖެހުންތަކާއި ދަތިތަކަށް ކެރިގެން ކުރިމަތިލުމަށް ޑރ. އަޝްރަފް ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެ ޖަލްސާގައި ތިބި ދަރިވަރުންގެ ބެލެނިވެރިންނަށް އިޝާރަތްކުރައްވައި ޑރ. އަޝްރަފް ވަނީ، ކުދިން ކައިރީ ކަންކަން ކުރުމަށް ބުނުމުގެ ކުރިން ފުރަތަމަ ބެލެނިވެރިންގެ ކިބައިން އެ ނަމޫނާ ދެއްކެވުމަށް އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް