ރަސްދޫ ފުލުސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) އެ ރަށާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިގެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަޙްބާން ޕޮލިސް ސްޓޭޝަނުން ފިލީ އިއްޔެ އޭނާ ގޮޅިން ނެރެފައި ހުރި ވަގުތެއްގައެވެ.
ޝަޙްބާން ހޯދަން ފުލުހުން ކުރި މަސައްކަތުން އޭނާ ނުފެނިގެން މިއަދު ހަވީރު އޭނާގެ ވަނަވަރު އާންމުކޮށް، އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ. ރަސްދޫ ކައިރީ ރަށެއްގެ ފަޅުތެރެއިން 18:35 އެހައިކަންހާއިރު އޭނާ ފެނުނު ކަމަށް ފުލުހުން ބުނީ، ވަނަވަރު އާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ކުރި ހިއްސާކުރި މެސެޖެއްގައި ބުނީ އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ޝަޙްބާން ފެނުނީ ކޮން ރަށެއްގެ ފަޅުތެރެއިން ކަމަށް ފުލުހުން ނުބުނި ނަމަވެސް "ސަން"އަށް އިތުބާރު ހުރި މަސްދަރަކުން ޔަގީންވެފައިވާ ގޮތުގައި އޭނާ ފެނުނީ އެ ރަށާ ޖެހިގެން އޮންނަ ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ފަޅުތެރެއިންނެވެ.