ކޮރޮނޭޝަންގައި ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާއިން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ތަޚުތަށް ރަސްގެފާނު ޗާލްސް ތިނެއް ވެޑުވުމުގެ ކޮރޮނޭޝަން ރަސްމިއްޔާތުގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ އޮފިސަރުން -- ފޮޓޯ/ އެމްއެންޑީއެފް

އިނގިރޭސިވިލާތުގެ ތަޚުތަށް ރަސްގެފާނު ޗާލްސް ތިނެއް ވެޑުވުމުގެ ކޮރޮނޭޝަން ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވެއްޖެއެވެ. މިއީ މި ތާރީޚީ ހަފްލާގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ކޮމަންވެލްތުގެ 40 ޤައުމަކުން ބައިވެރިވި މި ރަސްމިއްޔާތުގައި ރާއްޖެ ތަމްސީލުކޮށް 10 އޮފިސަރުން ވަނީ ކޮރޮނޭޝަންގެ ޚާއްސަ ޕެރޭޑެއްގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަންހެން ތިން އޮފިސަރުން ހިމެނެއެވެ.

އެމްއެންޑީއެފްއިން ވަނީ މި ތާރީޚީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވުމަކީ މުޅި ޤައުމަށްވެސް ލިބިގެންދިޔަ ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ކޮރެނޭޝަންގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން މޭޖާ އަހްމަދު މުހައްމަދު ވިދާޅުވީ މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވާން ލިބުނުކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޚާއްސަގޮތެއްގައި ދިވެހި އަސްކަރިއްޔާގެ ޓީމެއް މި ތާރީޚީ ހަރަކާތުގައި ބައިވެރިވުމަށް ފޮނުވަން ލިބުމަކީ މުޅި ޤައުމު ވެސް އެކަމާމެދު ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރަސްގެފާނު ޗާލްސް ދެއްވި ޖާފަތުގެ ތެރެއިން ރައީސްއާ ސަލާމް ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރަސްގެފާނު ޗާލްސް ތިނެއް ތަޚުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް