ރަސްގެފާނު ޗާލްސް ތިނެއް މިއަދު ރަސްމީކޮށް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފިއެވެ.
މިއަދު އިނގިރޭސިވިލާތުގައި ބެއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވަނީ ރަސްކަމުގެ ތާޖު ތުރުކުރައްވައި، ތަޚުތުގައި ވަޑުވައިފައެވެ.
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ތުރުކުރެއްވި ތާޖަކީ ސެއިންޓް އެޑްވަޑްސް ކޮރައުން ނަމަކަށް ކިޔާ ތާޖެކެވެ. މިތާޖަކީ ރަނުން ހަދާފައިވާ 2.2 ކިލޯ ހުންނަ ތާޖެކެވެ. މި ތާޖު ތުރުކުރައްވަނީ މި ރަސްމިއްޔާތުގައި އެކަނި ކަމުން، މިއީ ޗާލްސް ތިން ވަނަ މި ތާޖު ތުރުކުރައްވާ ފުރަތަމަ ފަހަރު އަދި އެންމެ ފަހު ފަހަރު ވެސްމެއެވެ.

އިނގިރޭސި ރަސްކަމުގެ ތާޖު -- ފޮޓޯ/ ރޮއިޓާސް
ލަންޑަންގެ ޝާހީ ފައްޅި ކަމަށްވާ ވެސްޓްމިންސްޓާ އެބީގައި ކުރިއަށްގެންދިޔަ އެ ރަސްމިއްޔާތުގައި، ރަސްގެފާނުގެ އަނބިކަނބަލުން ރާނީ ކެމިލާގެ އިސްތަށިފުޅުގައި މަގާމުގެ ތާޖު ތުރުކުރެއްވިއެވެ.
އެކަމަނާ ތުރުކުރެއްވީ 1911 ވަނަ އަހަރު ހަދައިފައިވާ، ކުރީގެ ރާނީ މޭރީގެ ތާޖުކޮޅެވެ.
ރަސްގެފާނު ޗާލްސް ނުވަތަ ކުރީގެ ޝާހީ ނަންފުޅުންނަމަ ޕްރިންސް އޮފް ވޭލްސްގެ ފުރިހަމަ ނަމަކީ ޗާލްސް ފިލިޕް އާތާ ޖޯޖްއެވެ.
ޗާލްސްއަކީ މިހާތަނަށް އިނގިރޭސި ތަހުތުގައި ވެޑުވި އެންމެ ދޮށީ އުމުރުގެ ބޭފުޅާއެވެ. އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 74 އަހަރުވެފައިވާއިރު ރާނީ ކެމީލާއަށް މިހާރު ވަނީ 75 އަހަރުވެފައެވެ.
ރަސްގެފާނު ޗާލްސް ތިނެއް އަކީ 1066 ވަނަ އަހަރު ފަހުން ވެސްޓްމިންސްޓާ އެބީގައި ރަސްކަމުގެ ތާޖު ތުރުކުރެއްވި 40 ވަނަ ރަސްގެފާނެވެ. މި ޝާހީ ރަސްމިއްޔާތުގައި 1،000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އާދަކާދަތައް ވަނީ ދައްކާލާފައެވެ.

ރަސްގެފާނު ޗާލްސް ތިން ވަނަ ރަސްމީކޮށް ރަސްކަމާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް
އެ ރަސްމިއްޔާތު ފެށުމުގެ ދުވަސްތަކެއް ކުރިން އާންމުން ވަނީ، ޝާހީ އާއިލާގެ މެމްބަރުން ގަނޑުވަރުން ފައްޅިއަށް ވަޑައިގަންނަވަން ބޭނުންކުރައްވާނެ މަގުތައް ކައިރިއަށް އެއްވާން ފަށާފައެވެ. އެގޮތުން މިއަދު ޝާހީ އާއިލާގެ މެމްބަރުން ދެކިލުމުގެ އުއްމީދުގައި އެތައް މިލިއަން ބަޔަކު އެ މަގުތަކަށް އެއްވެފައި ތިއްބެވެ.
އެ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި 11,500 ފުލުހުން ހަރަކާތްތެރިވާ އިރު، މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައި ވެސް ކުރިއަށްގެންދާ އެންމެ ބޮޑު އެއް ސަލާމަތީ އޮޕަރޭޝަން ކަމަށް އެގައުމުގެ މީޑިއާތަކުގައިވެއެވެ.
އެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ތަފާތު ދީނީ އަދި ސަގާފީ ހަރަކާތްތައް ވެސް ހިމަނާފައިވެއެވެ.
ރަސްގެފާނު ޗާލްސްއަށް އިނގިރޭސިވިލާތުގެ ރަސްކަން ލިބިވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އެމަނިކުފާނުގެ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތު އަވަހާރަވިއިރި އުމުރުފުޅުން 96 އަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕްރިންސް އޮފް ވޭލްސް އާއި ޕްރިންސެސް އޮފް ވޭލްސް އަދި އެ ދެ ބޭފުޅުންގެ ދަރިކަނބަލުންނާއި ދަރިކަލުން -- ފޮޓޯ/ ރޮއިޓާސް
ރަސްގެފާނު ޗާލްސް ވަނީ މީގެ ކުރިން އިތުރު ކައިވެނިފުޅެއް ކުރައްވައިފައެވެ. ލޭޑީ ޑަޔާނާ ސްޕެންސާއާއެކު މީގެ ކުރިން ކުރެެއްވި ކައިވެނިފުޅަށް ޕްރިންސް ހެރީއާ ޕްރިންސް ވިލިއަމް ލިބިވަޑައިގެންނެވިއެވެ. އެ ކައިވެނިފުޅަށް ނިމުން އައީ 1996ގައެވެ. އެއަށްފަހު ރާނީ ކެމީލާއާ ކައިވެނިފުޅު ބައްލަވައިގަތީ 2005ވަނަ އަހަރެވެ.
ރަސްގެފާނު ޗާލްސް ކުރިން ހުންނެވި މަގާމު ކަމަށްވާ ޕްރިންސް އޮފް ވޭލްސްގެ މަގާމަށް ފަހުން ކަނޑައެޅުއްވީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއެވެ.
ރަސްގެފާނު ޗާލްސް އިނގިރޭސި ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝާހީ އާއިލާގެ ބޭފުޅުންނާއި، ގައުމުތަކުގެ ވެރިންނާއި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެންބަރުންގެ އިތުރުން އެހެނިހެން އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.