ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލް ހެދި އަހްމަދު މައޫޝް ޞަބްރީ އޭލެވެލްގެ ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނިއްޖެއެވެ.
އޭނާގެ މަންމަ އައިޝަތު މަންސޫދާ "ސަން"އަށް ބުނީ އޭލެވެލްއިން ހެދި ފަސް މާއްދާއިން ވެސް އޭ ސްޓާ ދަރިފުޅަށް ލިބުނު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޯލާޝިޕް ވެސް ލިބުނު ކަމަށް މަންސޫދާ ބުންޏެވެ.
ދިވެއްސާއި އިސްލާމްގެ އިތުރަށް މައޫޝް ހެދީ ބިޒްނަސް، އެކައުންޓިން އަދި އެކޮނޮމިކްސްއެވެ. ބިޒްނައިސްއިން ދުނިޔެއިން ތިންވަނަ، އެކައުންޓުން ދުނިޔެއިން ހަތަރުވަނަ އަދި އެކޮނޮމިކްސްއިން ދުނިޔެއިން ފަސްވަނަ މައޫޝް ހާސިލުކުރިއެވެ.
މައޫޝްގެ މި ކާމިޔާބީއާއެކު އޭނާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ.
"އަޅުގަނޑުގެ ދެ ދަރިން މި ކިޔަވާ ނިމުނީ. ފުރަތަމަ ދަރިފުޅު ވެސް މާޝާﷲ ވަރަށް ރަނގަޅު ނަތީޖާ. އޯލެވެލް ވެސް އޭލެވެލް ވެސް ޓޮޕްޓެންއަށް ދިޔަ،" މަންސޫދާ ބުންޏެވެ.
ފުރަތަމަ ދަރިފުޅު އޯލެވެލް ނިމުނުއިރު ވެސް ސްކޫލްގެ ބެސްޓް އޯލް ރައުންޑު ލިބި ޓޮޕްޓެންގައި ވެސް ހިމެނުނެވެ. އަދި މައޫޝް ވެސް ޓޮޕްޓެންގެ އަށްވަނައިގައި ހިމެނި އެ ފަހަރު ވެސް ބެސްޓް އޯލް ރައުންޑްގެ މަގާމު ލިބުނެވެ.
މަންސޫދާ ބުނީ މައޫޝް މި ހޯދި ކާމިޔާބީއަކީ އެހެން ކުދިންނަށާއި ބެލެނިވެރިންނަށް ވެސް ލިބޭ ވަރަށް ބޮޑު އިބުރަތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އުންމީދު ވެސް ނުކުރާ ކަހަލަ ރިޒަލްޓެއް މިއީ. ވަރަށް ގިނަ މީހުން ބުނާނެ ރާއްޖެތެރެ ސްކޫލެއްގައި ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުނެރެވެއޭ. އަޅުގަނޑު އުފާވި ސަބަބަކީ ރާއްޖެތެރެ ސްކޫލަކުން ކިޔަވައިގެން މިފަދަ ނަތީޖާއެއް ދަރިފުޅު ހޯދުން،" މަންސޫދާ ބުންޏެވެ.
މައޫޝްގެ ޝައުގުވެރިކަން ހުރީ ޗާޓާޑް އެކައުންޓުގެ ދާއިރާއިން ކުރިއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް ހެދި 11 ކުދިން ޓޮޕްޓެންއަށް އަރައިފައިވެއެވެ. އަދި އޭލެވެލް ބައިވެރިވީ ހަތަރު ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުން ވެސް ހުރިހާ މާއްދާއަކުން ހޯދައިފައިވަނީ އޭ އަށް ވުރެ މަތިންނެވެ.