އަނިޔާއާ ގުޅިގެން ލޮރިސްއަށް ސީޒަން ނިމުމަކަށް

ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން އަދި އެއް ނަމްބަރު ގޯލްކީޕަރު ހޫގޯ ލޮރިސް -- ފޮޓޯ/ އޭއެފްޕީ

އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސްއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ސީޒަން ނިންމާލަން ޖެހިއްޖެއެވެ.

ލޮރިސްއަށް އަނިޔާވެފައިވަނީ ޓޮޓެންހަމުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައެވެ. އެ މެޗުން 6-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވި އިރު, އަނިޔާއާ ގުޅިގެން ދެވަނަ ހާފުގައި ލޮރިސް ފެނިފައެއް ނުވެއެވެ. އެ މެޗުގައި ނިއުކާސަލުން ޖެހި ހަ ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ, ލޮރިސް ގޯލު ބަލަހައްޓަމުން ދަނިކޮށެވެ.

ލޮރިސްގެ އަނިޔާއާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ޓޮޓެންހަމްގެ ވަގުތީ ކޯޗު ރަޔަން މޭސަން ބުނީ ލޮރިސްގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މިސީޒަނުގަައި އިތުރު މެޗަކުން އޭނާ ފެނިގެން ނުދާނެ ކަމަށާއި އޭނާ ނެތް ނަމަވެސް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމުގެ މަސައްކަތް ޓީމުން ކުރަމުންދާނެ ކަމަށެވެ.

"ލޮރިސްއަށް ވަނީ ސީޒަން ނިމިފައި. އަހަރެމެންނަށް ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެ. އަހަރެމެންނަށް ހިތާމައެއް ކަމަށްވިޔަސް, ކުރިން ވެސް އަހަރެމެންނަށް އެ ބިރު އޮތް. ލޮރިސްއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް," ކޯޗު ރަޔަން ބުންޏެވެ.

ޓޮޓެންހަމްއާއެކު ލޮރިސް ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އޮތީ އަހަރެއްހާ ދުވަހެވެ. އެހެންކަމުން ފްރާންސް ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ވޯލްޑް ކަޕް 2018 އުފުލާލި ލޮރިސްގެ ކޮންޓްރެކްޓް ހަމަވުމުން އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ފްރާންސް ގައުމީ ޓީމަށް ލޮރިސް ކުޅުން ހުއްޓާލީ ވޯލްޑް ކަޕް 2022 އަށްފަހުއެވެ.

މިވަގުތު ޓޮޓެންހަމް އޮތީ ޕްރިމިއާ ލީގު ތާވަލުގެ ހަތްވަނައިގައެވެ. ޓޮޓެންހަމާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް