ކޮވިޑާ އެކު އިއުލާނުކުރި ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް -- ފޮޓޯ: އޭއެފްޕީ

ކޮވިޑް-19 އަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ހާލަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާންކޮށްފިއެވެ.

މި ބައްޔަކީ ސިއްހީ ނުރައްކަލެއް ކަަމަށް ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ އިއުލާނުކުރީ މީގެ ތިން އަހަރު ކުރިންނެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ޖެހިގެން ހަތް މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މަރުވެފައިވާ މީހުންގެ ހަގީގީ އަދަދު 20 މިލިއަނާ ގާތްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ކޮވިޑުގެ ސަބަބުން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް ވައިރަސް އަދި ނެތިދިޔައީ ނޫންކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ނުރައްކަލަކަށް ހުށަހެޅިއްޖެނަމަ ހާލަތު އަލުން ބެލުމަށް ޑަބްލިޔުއެޗްއޯއިން ތައްޔާރަށް ތިބި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެގޮތަށް ނިންމި ނަމަވެސް ފަރުވާތެރިކަމާ އެކު ޑޭޓާ ރަނގަޅަށް ތަހުލީލު ކުރަމުން ދާނެ ކަމަށެވެ.

މި ފިޔަވަޅާ އެކު ކޮވިޑް މެނޭޖް ކުރުމުގައި ދެމިތިބުން މިހާރު އޮންނާނީ ވަކިވަކި ޤައުމުތަކުގެ މައްޗަށެވެ.

ކޮވިޑް-19ގެ ސަބަބުން ވެކްސިން ދިނުމަކީ ބަލިން ދިފާއުވުމަށް ބޮޑު ބަދަލެއް އައިކަމުގެ ނިޝާނެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު 13 ބިލިއަން ޑޯޒް ދީފައިވާއިރު، އެ ކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ ބަލިން ސަލާމަތްވެފައެވެ. މުޅި ދުނިޔޭގައި 765 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުންގެ ޢަދަދުތައް މިހާރު ދަނީ ދަށްވަމުން އަންނައިރު 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކޮންމެ ހަފުތާއަކު 100,000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑްގައި މަރުވެފައެވެ. ނަމަވެސް، މިހާރު އެ ޢަދަދު 3,500 އަށް ދަށް ކުރެވިފައިވާ ކަމުގައި ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް