ސްވިޑެންގައި ޤުރުއާން އަންދާލި ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފި

ޤުރުއާން އަންދާލި ސްވިޑެންގެ ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފި -- ފޮޓޯ/ ޓީއާރްޓީ ވޯލްޑް

ސްވިޑެންގައި މި އަހަރުގެ ކުރީކޮޅު ޤުރުއާނުގެ ކޮޕީއެއް އަންދާލި ސިޔާސީ ލީޑަރެއް ކަމަށްވާ ރަސްމޫސް ޕަލޫދާން ހައްޔަރުކޮށްފިއެވެ.

ޕަލޫދާންއަކީ ޑެންމާކްގެ ރަށްވެހިކަން ވެސް އޮންނަ މީހެކެވެ.

ހައްޔަރުކުރުމާ ގުޅިގެން އޭނާ ބުނީ ވާޗުއަލްކޮށް ހެކިބަސް ދޭން ބޭނުންވަނީ ޑެންމާކުގައި ހުރެ އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ތުރުކީގެ ޕީޖީން ވަނީ މުސްލިމުންނާ ދެކޮޅަށް ފުރައްސާރަ ކުރާކަމުގެ ތުހުމަތުގައި ޑެންމާކާއި ޑަޗްގެ ސިޔާސީ ބޭފުޅުންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

މި ތަހުގީގުކުރުމުން އެނގިގެން ދިޔަޔީ ޕަލޫދާން ވަނީ ދެ ފަހަރެއްގެ މަތިން ޤުރުއާނުގެ ކޮޕީއެއް އަންދާލާފައިކަމެވެ. އެންމެ ފުރަތަމަ އަންދާލާފައިވަނީ ސްވިޑެންގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައެވެ. ދެވަަނަ ފަހަރަށް އަންދާލާފައިވަނީ ޑެންމާކުގެ މިސްކިތެއް ކުރިމަތީގައެވެ.

ޕަލޫދާން ވަނީ ކޮންމެ ހުކުރު ދުވަހަކު ޤުރުއާނުގެ ކޮޕީއެއް އަންދާލާނެ ކަމަށް ބުނެފައެވެ.

ޕަލޫދާންގެ މި އަމަލުތަކާ ގުޅިގެން ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވަނީ އޭނާގެ މި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި، އޭނާ ވަނީ މި އަމަލުތައް އިހުތިރާމް ކުޑަ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސްވިޑެންގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސިޓީއެއް ކަމަށްވާ މަލްމޯގެ ޕްރޮސެކިއުޓާ އޮފީހުން ޕަލޫދާން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ "އެތައް ކުށެއް"ގެ ތުހުމަތުގައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް ޕަލޫދާންގެ މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. އެ ފަހަރު ތަހުގީގުކޮށްފައިވަނީ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގުމަށް ބާރުއެޅުމުގެ ސަބަބުންނާ މީހަކަށް ފުރައްސާރަކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުންނެވެ.

ޤުރުއާން އެންދުމުގެ މައްސަލަތައް މިހާރު އިތުރުވަމުންދާ އިރު އެ ކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި ރުޅިވެރިކަން އުފެދި މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. އަދި، ތުރުކީއިން އަންނަނީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ފުލުހުންގެ ދައުރާ މެދު ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް