ސުވިޑެންގައި ޚަތިމްތަކެއް އަންދާލި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ޚަތިމްތަކެއް އަންދާލި މައްސަލައެއްގައި ސްވިޑެން އިން ވަނީ ދެމީހެއްގެ މައްޗަށް ދައުވާކޮށްފައި، ފޮޓޯ/އޭއެފްޕީ

ޚަތިމްތަކެއް އަންދާލި މައްސަލައެއްގައި ސްވިޑެންގެ ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ ދެ މީހުން ވަނީ އެ ގައުމުގައި މިދިޔަ އަހަރު ކުރި މުޒާހަރާތަކުގައި އެތައް ފަހަރެއްގެ މަތިން ޚަތިމްތަކެއް އަންދާލާފައި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސްވިޑެންގެ ކޯޓަކުން ބުދަ ދުވަހު ބުނީ ސަލްވާން މުމީކު އާއި ސަލްވާން ނަޖޭމް ކިޔާ ދެ މީހުން ވަކިވަކިން ހަތަރު ފަހަރެއްގެ މަތިން "ނަސްލީ ނުވަތަ ގައުމީ ޖަމާއަތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ކުށްތައް" ހިންގާފައިވާ ކަމަށެވެ.

"ދެމީހުންގެ މައްޗަށް ވެސް ދައުވާ ކުރަނީ ހަތަރު ފަހަރަށް މުސްލިމުންނަށް ފުރައްސާރަކޮށް ޤުރުއާނާމެދު ކަންތައް ކުރި ގޮތުން." ސީނިއާ ޕްރޮސެކިއުޓަރު އަނާ ހަންކިއޯ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަޒަރުގައި އެ މީހުންގެ ބަޔާނާއި އަމަލުތަކަށް ބަލާއިރު، އެ ދައުވާ އަންނާނީ ނަސްލެއް ނުވަތަ ގައުމީ ޖަމާއަތަކާ ދެކޮޅަށް ހަރަކާތްތެރިވުމާ ބެހޭ މާއްދާތަކުގެ ދަށުން، އަދި މި މައްސަލަ ކޯޓުގައި ޝަރީއަތް ކުރުމަކީ މުހިންމު ކަމެއް،"

އަދި އެ މީހުންނާ ދެކޮޅަށް ހެކި ލިބިފައިވަނީ މައިގަނޑު ގޮތެއްގައި ވީޑިއޯ ރެކޯޑިންތަކުން ކަމަށް ވެސް ހަންކިއޯ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސްވިޑެންގެ ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި ޚަތިމްތަކެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. އެ ދެ މީހުން އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

އެ ކަމާ ގުޅިގެން ސްވިޑެންއާއި މެދު އިރުމަތީގެ ގައުމުތަކުގެ ގުޅުން ގޯސްވެފައިވާއިރު، އިސްލާމީ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް