ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު -- ފޮޓޯ/ މަޖިލިސް

ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަން ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އައްޔަނު ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ޒަކަރިއްޔާ މަންސޫރު އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ކައްދޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަަމަށް އޭނާ އައްޔަނު ކުރެއްވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާ ކޯޕަރަޓައިޒް ކުރުމާ މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ މާސްޓާ އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލު ކުރައްވާފައެވެ. އަދި މިލިޓަރީގެ ތަފާތު ގިނަ ދާއިރާތަކުންނާއި ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

އޭނާ ވަނީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް)އަށް 39 އަހަރު ޚިދުމަތް ކުރައްވާ ލީޑާޝިޕްގެ ގިނަ މަގާމުތަކެއް ފުރުއްވާ، ގިނަ އެޕޮއިންޓްމަންޓުތަކެއް ވެސް އަދާ ކުރައްވާފައެވެ.

ޒަކަރިއްޔާ މަންސޫރު މިހާރު އަދާކުރައްވަމުން ގެންދަވަނީ ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމެވެ.

comment ކޮމެންޓް