އަޑިއަށް ދިޔަ ބޯޓުން ކަނޑުވި މީހުން މާލެ ގެނެސްފި

އަޑިއަށް ދިޔަ ބޯޓުން ކަނޑުވި މީހުން މާލެ ގެނައުން -- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ބޯޓުން ކަނޑުވި ހަ މީހުން ކޯސް ގާޑުގައި މާލެ ގެނެސްފިއެވެ.

މި މީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ. ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށެވެ.

މި ހަ މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު 13:00 ހާއިރު ނަގާފައިވާއިރު، މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައި ކަމަށާއި އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު އޮޅުންފިލުވާފައެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މެޓު އޮފީހުންވަނީ ސަމާލުވުމަށް އަންގައިފައެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވަނީ ނެރެފައެވެ.

މެޓުން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވ, 45 މޭލަށް ވައި ބާރުވުން އެކަށީގެންވެއެވެ.

comment ކޮމެންޓް